06 ނޮވެމްބަރ 2016 - 06:32

ތިއީ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކުއަންޓިން ޓަރަންޓީނޯގެ ފޭނެއް ނަމަ މިއީ ހިތާމަވެރި ޚަބަރެކެވެ. އެއީ އޭނާ ޑައިރެކްޓް ކުރުމާ ދުރަށް ދާ ވާހަކަ އެވެ.
ޓަރަންޓީނޯ ވަނީ އޭނާގެ 10 ވަނަ ޑައިރެކްޝަން ބެލުންތެރިންނަށް ދޫކޮށްލުމަށް ފަހު، ކުރިއަށް އޮތް ތަނުގައި ޑައިރެކްޓަރުގެ ގޮނޑިން ނުފެންނާނެކަން ޔަގީންކޮށް ދީފަ އެވެ. މި ވާހަކަ އޭނާ ދައްކަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.
އެހެން ނަމަވެސް ޓަރަންޓީނޯ، 53، މިހާރު ވަނީ އެންމެ ފަހުގެ ނިންމުން ނިންމައި، 10 ވަނަ ފިލްމާ އެކު ޑައިރެކްޝަނުން ރިޓަޔާ ކުރަން ނިންމައިފަ އެވެ. އެކަމަކު އޭނާގެ 10 ވަނަ ޑައިރެކްޝަން ހަމަވާނީ އަދި ދެ ފިލްމް ޑައިރެކްޓްކޮށްގެންނެވެ.
"ޕަލްޕް ޕިކްޝަން" އާއި "ރިޒަވަޔާ ޑޯގްސް"، "ކިލް ބިލް" އަދި "އިންގްލޯރިއަސް ބާސްޓަޑްސް" ފަދަ މަޝްހޫރު އަދި އެހާމެ ކާމިޔާބު ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ޓަރަންޓީނޯ ޑައިރެކްޝަން ދޫކޮށްލުމަކީ އޭނާގެ ސިނަމާ އަށް ލޯބި ކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ފަޅު ކަމަކަށް ވާނެ އެވެ.
ކުރިން ބައެއް ފިލްމުތަކުގައި އެކްޓް ވެސް ކޮށްފައިވާ ހުނަރުވެރިޔާ ބުނީ ޑައިރެކްޝަން ދޫކޮށްލުމަށް ފަހު، ކެރިއާ ދެން ބިނާ ކުރާނީ ވާހަކަ ލިޔުމާއި ތިއޭޓަރު މަސައްކަތްތަކަށް ކަމަށެވެ.
ޓަރަންޓީނޯއަކީ ކުޅަދާނަ ސްކްރީން ރައިޓަރެއް ވެސް މެ އެވެ. އޭނާ ފުރަތަމަ މަޝްހޫރުވެގެން އައީ ވެސް ސްކްރީން ރައިޓަރެއްގެ ގޮތުގަ އެވެ.
އެގޮތުން ޓްރޫ ރޮމޭންސް (1993) ނެޗްރަލް ބޯން ކިލާސް (1994) އަދި ފްރޮމް ޑަސްކް ޓް ޑޯން (1999) އަކީ އޭނާގެ ލިޔުންތެރިކަމުގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ދައްކުވައި ދިން ފިލްމުތަކެވެ.
"އަހަރެން ގަބޫލު ކުރަނީ ޑައިރެކްޝަނުން ރިޓަޔާ ކުރާ އިރު އަހަންނަކީ ވަރަށް ކާމިޔާބު ޑައިރެކްޓަރެއްގެ ގޮތުގައި. އެކަން އާންމުން ވެސް ބަލައިގަނޭ،" މިދިޔަ އަހަރު އަށް ވަނަ ޑައިރެކްޝަންގެ ގޮތުގައި "ހޭޓްފުލް އެއިޓް" ގެނެސް ދިން އަދި 2005 ވަނަ އަހަރު ޓައިމް މެގަޒިނުން ހޮވި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ވެސް ހިމެނޭ ޓަރަންޓީނޯ ބުންޏެވެ.
ކުރިއަށް އޮތް ދެ ފިލްމަށް ފަހު، ޑައިރެކްޝަން ދޫކޮށްލާ އިރު، ޓަރަންޓީނޯ ވަނީ ޝަރަފުވެރި އޮސްކާ ވެސް ހާސިލްކޮށްފަ އެވެ. އެއީ ޕަލްޕް ޕިކްޝަން (1994) އިން ހާސިލް ކުރި އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އާއި އެންމެ މޮޅު ސްކްރީންޕްލޭ އޮސްކާ އެވެ.
މީގެ އިތުރުން 2012 ވަނަ އަހަރު އޭނާ ޑައިރެކްޓް ކުރި "ޗާންގޯ އަންޗެއިންޑް" އިން ވެސް ޓަރަންޓީނޯ ވަނީ އެންމެ މޮޅު ސްކްރީންޕްލޭ އޮސްކާ ހާސިލްކޮށްފަ އެވެ. މި ފިލްމަކީ ޓަރަންޓޯނީގެ ކެރިއަރުގައި ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި ފިލްމް ވެސް މެ އެވެ.
ސަތޭކަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 425.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ޓަރަންޓީނޯ ނުވަ ވަނަ ފިލްމަކީ އޮސްޓްރޭލިއާގެ ޕްރޮޑަކްޝަން ހައުސްއަކާ ގުޅިގެން ހަދާ ފިލްމެކެވެ. މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައި ނުވިޔަސް މިއީ 1930 ގެ އަހަރުތަކުގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއްކަން އޭނާ ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އެ ފިލްމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.