18 ޑިސެމްބަރ 2020 - 08:18

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ)ގެ ވޯޓު ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ އަށް ދިންއިރު، ގައުމީ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ދިނީ އެ މަގާމުގެ ގަދަ ތިނެއްގައި ނުހިމެނޭ ނެދަލެންޑްސް އާއި ލިވަޕޫލުގެ ވާޖިން ވެން ޑައިކަށެވެ.
ކޮވިޑް-19ގެ ސަބަބުން ވާޗުއަލްކޮށް ރޭ ކުރިއަށްގެންދިޔަ އެވޯޑް ހަފްލާގައި މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަޔާނުގައި ތަފާތު ފޯމެއް ދެއްކި ލެވަންޑޯސްކީ އެވެ. މިދިޔަ އަހަރުތަކުގައި މި އެވޯޑް ޑޮމިނޭޓްކުރި ދެ ތަރިންގެ ތެރެެއިން ރޮނާލްޑޯ އަށް ދެ ވަނަ ލިބުނުއިރު، މިދިޔަ އަހަރު ބެސްޓް އެވޯޑްސް ހޯދި މެސީ ދިޔައީ ތިން ވަނަ އަށެވެ.
އަކޫގެ ގަދަ ތިނަކަށް ބަލާއިރު ދެ ވަނައިގައި އޮތީ ބަޔާނަށް ކުޅެ ދާދި ފަހުން ލިވަޕޫލާ ގުޅުނު ތިއާގޯ އަލްކަންޓާރާ އެވެ. ތިން ވަނަ އަށް ދިނީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ އަށެވެ. ކޫޕްމަންގެ ފުރަތަމަ ޗޮއިސް އަކީ ވެން ޑައިކް އެވެ. އޭނާ ދެ ވަނަ އަށް ވޯޓު ދިނީ ޑިބްރޭނާ އަށެވެ. އަދި ތިން ވަނަ އަށް ދިނީ ރޮނާލްޑޯ އަށެވެ.
ރާއްޖޭގެ އަންހެން ކެޕްޓަން ފާތިމަތު ސާލިޔާ އެއް ވަނަ އަށް ވޯޓު ދިނީ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނު އިންގްލެންޑްގެ ލޫސީ ބްރޯންޒް އަށެވެ. ދެ ވަނަ އަށް ނެދަލެންޑްސްގެ ވިވިއަން މިއެޑޭމާ އަށް ވޯޓު ދިންއިރު، ތިން ވަނަ ވޯޓު ދިނީ ޖަޕާނުގެ ސާކީ ކުމަގާއި އެވެ.
މި ސަހަރައްދުގެ އެހެން ގައުމުތަކަށް ބަލާއިރު އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވެސް އެއް ވަނަ ދިނީ ލެވަންޑޯސްކީ އަށެވެ. އޭނާ ދެ ވަނަ ޑިބްރޭނާ އަށް ދިން އިރު ތިން ވަނަ ވޯޓް ދިނީ ލިވަޕޫލުގެ ސަޑިއޯ މާނޭ އަށެވެ. ޕާކިސްތާނުގެ ކެޕްޓަން ހަސަން ބަޝީރުގެ އެއް ވަނަ އަކީ މެސީ އެވެ. އޭނާ ދެ ވަނަ ކީލިއަން އެމްބާޕޭ އަށް ދިން އިރު ތިން ވަނަ އަކީ ޑިބްރޭނާ އެވެ. ނޭޕާލުގެ ކެޕްޓަން ބާރަތު ކަވާސް ދިނީ މުހައްމަދު ސަލާހާއި މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ދިނީ ލެވަންޑޯސްކީ އާއި މާނޭ އަދި ތިއާގޯ އަލްކަންޓާރާ އަށެވެ.
ދުނިޔޭގެ ފާހަގަކޮށްވޭ ކެޕްޓަނުންގެ ތެރެއިން ބްރެޒިލްގެ ތިއާގޯ ސިލްވާގެ އެއް ވަނަ އަކީ އޭނާއާ އެއްކޮށް ޕީއެސްޖީ އަށް ކުޅުނު ނޭމާ އެވެ. އޭނާ ދެ ވަނަ އެމްބާޕޭ އަށް ދިންއިރު ތިން ވަނަ ދިނީ ލެވަންޑޯސްކީ އަށެވެ. ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް އެއް ވަނަ ލެވަންޑޯސްކީ އަށް ދިން އިރު ދެ ވަނަ އަކީ ތިއާގޯ އަލްކަންޓާރާ އެވެ. އަދި ތިން ވަނަ ދިނީ އެމްބާޕޭ އަށެވެ.
އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ ފުރަތަމަ ޗޮއިސް އަކީ ލެވަންޑޯސްކީ އެވެ. ދެ ވަނަ އަށް ޑިބްރޭނާ އަށް ދިނުމަށް ފަހު ތިން ވަނަ އަށް ދިނީ މެސީ އަށެވެ. ޖަރުމަނުގެ ކެޕްޓަން މެނުއަލް ނޯޔާ ވޯޓް ދިނީ ލެވަންޑޯސްކީ، ޑިބްރޭނާ އަދި ތިއާގޯ އަލްކަންޓާރާ އަށް، އެ ތަރުތީބުންނެވެ. އިޓަލީގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީގެ އެއް ވަނަ ހޮވުމަކީ އޭނާއާ އެކު ޔުވެންޓަސް އަށް ކުޅޭ ރޮނާލްޑޯ އަށެވެ. އަދި ދެ ވަނަ ވަނަ ދިނީ ލެވަންޑޯސްކީ އެވެ. އޭނާގެ ތިން ވަނަ އަކީ ސާޖިއޯ ރާމޮސް އެވެ. ސްޕެއިނުގެ ކެޕްޓަން ރާމޮސް ވޯޓް ދިނީ ލެވަންޑޯސްކީ އާއި ތިއާގޯ އަލްކަންޓާރާ އަދި ނޭމާ އަށެވެ. ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ދިނީ ލެވަންޑޯސްކީ އާއި ރާމޮސް އަދި ޑިބްރޭނާ އަށެވެ.
ދުނިޔޭގެ މަޝްހޫރު ކޯޗުންގެ ތެރެއިން އިންގްލެންޑުގެ ގެރެތު ސައުތުގޭޓް ވޯޓް ދިނީ ލެވަންޑޯސްކީ، ވެން ޑައިކް އަދި ޑިބްރޭނާ އަށް އެ ތަރުތީބުންނެވެ. ފްރާންސްގެ ޑިޑިއޭ ޑިޝޯމްޕްސް އެއް ވަނަ އަކީ އެ ޓީމުގެ އެމްބާޕޭ އެވެ. އޭނާ ދެ ވަނަ ރޮނާލްޑޯ އަށް ދިން އިރު ތިން ވަނަ އަކީ ޑިބްރޭނާ އެވެ. ޖަރުމަނުގެ ޔަކީމް ލޯ ގެ އެއް ވަނަ ހޮވުމަކީ ލެވަންޑޯސްކީ އެވެ. އޭނާގެ ދެ ވަނަ އަކީ އެމްބާޕޭ އެވެ. އަދި ތިން ވަނަ ދިނީ ރާމޮސް އަށެވެ.
އިޓަލީގެ ރޮބާޓޯ މަންޗިނީ އެއް ވަނަ މެސީ އަށް، ދެ ވަނަ ރޮނާލްޑޯ އަށް ދިން އިރު ތިން ވަނަ އަކީ ނޭމާ އެވެ. ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާ އެއް ވަނަ ދިނީ ލެވަންޑޯސްކީ އަށެވެ. އަދި ދެ ވަނަ ޑިބްރޭނާ އަށް ދީފައި ތިން ވަނަ ދިނީ މެސީ އަށެވެ. ބްރެޒިލްގެ ކޯޗު ޓެޓޭ ދިނީ އެއް ވަނަ އަށް ނޭމާ އަށެވެ. ދެން ލެވަންޑޯސްކީ އަދި ޑިބްރޭނާ އަށެވެ.