ފްރާންސްގެ ރައީސް އަށް ކޮވިޑް ޖެހިއްޖެ
ފްރާންސްގެ ރައީސް އަށް ކޮވިޑް ޖެހިއްޖެ

ޕެރިސް (ޑިސެމްބަރު 17) - ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އޭނާއާ ކޮންޓެކްޓްވި ޔޫރަޕުގެ ވަރަށް ގިނަ ލީޑަރުން އައިސޮލޭޝަނަށް ވަޑައިގަންނަވަން ޖެހިއްޖެ އެވެ.

އެލީސީ ޕެލަސް އިން ބުނީ އުމުރުން 42 އަހަރުގެ ރައީސް ޕޮޒިޓިވްވީ ކޮރޯނާވައިރަހުގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން ކަމަށެވެ. މެކްރޮން މިހާރު ވަނީ ހަތް ދުވަހަށް އެކަހެރިވެވަޑައިގެންފަ އެވެ. ނަމަވެސް ގައުމު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުއްލަވާނީ މެކްރޮން އެވެ. މެކްރޮން ޕޮޒިޓިވްވީ ކިހިނެއް ކަމެއް ނޭނގެ އެވެ. މެކްރޮންގެ އަނބިކަނބަލުން 67 އަހަރުގެ ބްރިގިޓް މެކްރޮންގެ ފަރާތުން ކޮވިޑުގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެކަމަނާ ވެސް މިހާރު ހުންނެވީ އައިސޮލޭޝަންގަ އެވެ.

މެކްރޮންއާ ކޮންޓެކްޓްވި ފަރާތްތަކުގެ ތެރޭގައި ޔޫރަޕިއަން ކައުންސިލްގެ ވެރިޔާ ޗާލްސް މިޝޭލް އަދި ސްޕޭނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އާއި ޕޯޗުގަލްގެ ބޮޑުވަޒީރު އެންޓޯނިއޯ ކޮސްޓާ ހިމެނެ އެވެ. މީގެ އިތުރުން ފްރާންސް ސަރުކާރުގެ އިސް ވެރިން ވެސް ހިމެނެ އެވެ.

ދެ ވަނަ ރާޅާ އެކު ހަ ހަފުތާ އަށް ލޮކްޑައުން ކުރުމަށް ފަހު ފްރާންސް އިން ލުއި ދީފައި ވަނީ މި ހަފުތާގަ އެވެ. ފްރާންސް އިން މިހާތަނަށް ވަނީ 2.5 މިލިއަން މީހުން ޕޮޒިޓިވްވެ 59،400 މީހުން މަރުވެފަ އެވެ. ކޮރޯނާވައިރަހުގެ ވެކްސިން ފްރާންސްގައި ދޭން ފަށާނީ ޑިސެމްބަރު 27 އިން ފެށިގެންނެވެ.