ނަސްރުގެ 60 ވަނަ މެެރެތަންގެ މެޑަލް ރައީސަށް
ނަސްރުގެ 60 ވަނަ މެެރެތަންގެ މެޑަލް ރައީސަށް

އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮންނަ ދިވެހި ދުވުންތެރިޔާ ނަސްރުﷲ އަހުމަދު އޭނާގެ 60 ވަނަ މެރެތަންގެ މެޑެއްޔާއި ޓީޝާޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހަދިޔާކޮށްފި އެވެ.

ނަސްރުގެ 60 ވަނަ މެެރެތަންގެ މެޑަލް ރައީސަށް
ނަސްރުގެ 60 ވަނަ މެެރެތަންގެ މެޑަލް ރައީސަށް

އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ މެރެތަން ދުވުމުން ނަސްރު ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް މަރުހަބާ ދަންނަވައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ނަސްރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާގެ ދުވުންތެރިޔާ އަށް ވުމަށްޓަކައި އޭނާ ކުރަމުންދާ މަސައްކަތަށް ރައީސް ވަނީ ހިތްވަރުދެއްވައިފަ އެވެ.

"މީގެ އިތުރުން، މެރެތަން މުބާރާތްތަކަށް ތައްޔާރުވުމުގައި އަމަލުކުރައްވާ ގޮތާއި، ކުރިމަތިވާ ދަތިތަކުގެ މައުލޫމާތު ސާފު ކުރައްވާ، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތްކުރުމުގައި ދެމިހުންނެވުމަށް (ރައީސް ވަނީ) އެދިވަޑައިގަންނަވާފައެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖެންޓުގެ ޝަރަފުގައި ބޭއްވި މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވި އެވެ.

ނަސްރުގެ 60 ވަނަ މެރެތަނަކީ އޮކްޓޫބަރު މަހު ވާޗުއަލްކޮށް ދުވި މޮސްކޯ ރަނިން މެރެތަން އެވެ. އޭގެ ފަހުން ފަސް މެރެތަން ދުވެ މިހާރު ޖުމްލައަކީ 65 އެވެ.

އޭޝިއާގައި އެންމެ ގިނަ މެރެތަން ޖެހުމުގެ ރެކޯޑް އޮތް ދުވުންތެރިޔާ ދުވެފައިވަނީ 100-150 އާ ދޭތެރޭގެ އަދަދަކަށެވެ. އެ އަދަދު ކަށަވަރުކުރުމަށް ފަހު އެ ރެކޯޑް މުގުރާލަން އޭނާ ބޭނުންވެ އެވެ. އަދި އެއަށް ފަހު ދުނިޔޭގެ ރެކޯޑަކާ ދިމާލަށް ދިއުމަށް ވެސް އޭނާ ހުރީ ނިންމައިގެންނެވެ.

ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅު އެވެ. ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނާގައި އޮވެ އެންމެ ފަހު 400 މީޓަރުގައި ހިފި ގޮތަށް ގޮސް ތިން ވަނަ ލިބުނު ހިސާބުން އޭނާގެ ސަމާލުކަން ދިގު ދުވުންތަކަށް ހުއްޓުނީ އެވެ. އަދި 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމައި ދިގު ރާސްތާ ދުވުންތަކުގެ ތެރެއަށް ރަސްމީކޮށް ވަނެވެ. އޭނާ ބުނި ގޮތުގައި މެރެތަން ދުވުމަކީ ރެކޯޑަކަށް ވިސްނައިގެން ފެށި ކަމެއް ނޫނެވެ. އެކަމަކު ވަކި ހިސާބަކުން އެކަމަށް އަމާޒު ހިފީ އެވެ.