ޑާކާ މެރެތަން: މޯޑުގެ ރަނުގެ ފުރުސަތު!
ޑާކާ މެރެތަން: މޯޑުގެ ރަނުގެ ފުރުސަތު!

މި އަހަރުގެ ޖެނުއަރީ މަހު ދުބާއީ މެރެތަންގައި ފުލް މެރެތަން އިވެންޓުން ޕާސަނަލް ބެސްޓް ހަދައި އާ އުއްމީދުތަކާ އެކު ހުރި ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް) އަށް އެޅުނު ހުރަހަކީ ކޮވިޑުގެ ސަބަބުން އޭޕްރިލް މަހު މާލެ ލޮކްޑައުންކުރުމެވެ.

ލޮކްޑައުނުގެ ދެ މަސް ކުރިން، ފެބްރުއަރީ މަހު މޯޑް ވަނީ ޔޫއޭއީގައި އޮތް ރަސް އަލް ޚައިމާހް ހާފް މެރަތަންގެ ފަސް ކިލޯމީޓަރު 15:33 މިނެޓުން ދުވެ އެއް ވަނަ ހޯދައި ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. އެކަމަކު ލޮކްޑައުނުގައި ތިން މަހެއްހާ ދުވަސް ހޭދަކުރުމަށް ފަހު ނުކުމެ އޭނާ އަށް ފަސް ކިލޯމީޓަރު ޖަހާލެވުނީ 17 މިނެޓުންނެވެ. ކުރިން 1 ގަޑި 15 މިނެޓުން ދުވި ހާފް މެރެތަން 1 ގަޑި 18 މިނެޓަށް ލަސްވި އެވެ.

އެކަމަކު ތިން މަހެއްހާ ދުވަހުގެ ތެރޭ އަލުން ފިޓްވެ ކުރިއަށް ވުރެ ބާރަށް އޭނާ މިވަނީ ދުވަން ފަށައިފަ އެވެ. ނަތީޖާއަކަށްވީ ވާޗުއަލް ދުވުމެއްގައި އަދި އެތުލެޓިކްސް އެސޯސިއޭޝަނުން ބޭއްވި ޓައިމް ޓްރަޔަލްގައި 1 ގަޑި 15 މިނެޓުން ހާފް މެރެތަން ދުވެ ޕާސަނަލް ބެސްޓް ހެދުމެވެ. އެއާ އެކު އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ އަންނަ ޖެނުއަރީ 10 ވަނަ ދުވަހު ބަންގްލަދޭޝްގައި ބާއްވާ ބަންގަބަންދު ޝައިޚް މުޖީބް ޑާކާ މެރެތަންގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު މޯޑަށް ދީފަ އެވެ.

މިއީ މޯޑަށް އިންޑިވިޖުއަލް އިވެންޓެއްގައި ރާއްޖެ ތަމްސީލްކުރަން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަށް ދާން އުއްމީދުކުރި ނަމަވެސް ވަރަށް ގާތުން ވާދަކޮށް ފުރުސަތު ގެއްލުނީ އެވެ.

"އިންޑިވިޖުއަލް އިވެންޓެއްގައި ގައުމު ތަމްސީލްކުރަން ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ. މިއީ އެތައް އަހަރެއްވީ އުއްމީދެއް،" ސިފައިންގޭގައި މަސައްކަތްކުރާ މޯޑް ބުންޏެވެ.

އޭނާގެ ހުރިހާ ވިސްނުމެއް މިހާރު ހުރީ ޑާކާ މެރެތަންގައި ކަރުގައި މެޑެއްޔެއް އަޅުވާލުމަށެވެ. ލޮކްޑައުންގެ ސަބަބުން ތަމްރީންތައް ތިން މަސް ދުވަހަށް ފަހަތަށް ސޮއްސާލި ނަމަވެސް ބުރަ މަސައްކަތުން ކުރިއަށް ވުރެ ފިޓްވެ އޭނާ ހުރީ އެކަމަށް ވަރަށް ބޮޑަށް އުއްމީދުކޮށްގެންނެވެ.

"ރެކޯޑް އެހާ މުހިއްމު ނޫން. ގައުމަށް މެޑެއްޔެއް ނުވަތަ ވަނައެއް ހޯދުން އަމާޒަކީ. އެކަމަކު އެ މަސައްކަތުގެ ތެރެއިން ރެކޯޑް މުގުރާލަން ވެސް މަސައްކަތްކުރާނަން،" މިދިޔަ އަހަރުގެ ސިންގަޕޫރުގައި އޮސިމް ސަންޑައުން މެރެތަންގެ 10 ކިލޯމީޓަރުގެ ބައިން ތިން ވަނަ އަދި ނިއު ދިއްލީ މެރެތަންގެ ހާފް މެރެތަންގެ އިވެންޓުގެ އުމުރުފުރާ ބައިން ތިން ވަނަ ހޯދި މޯޑް ބުންޏެވެ.

މޯޑުގެ މެނޭޖަރު ނަސްރުﷲ އަހުމަދު (ނަސްރު) ބުނި ގޮތުގައި އޭނާގެ މިހާރުގެ ކޮންޑިޝަނަށް ބަލާއިރު، ރޫޓް ރަނގަޅުވެއްޖެ ނަމަ ރެކޯޑް ހަދާނެ ކަމަށެވެ.

"ކުރިއަށް ވުރެ ރަނގަޅު ލެވެލެއްގައި އޭނާ އެ ހުރީ. ހިލްއެއް ނެތް ރޫޓެއް އަތުވެއްޖެ ނަމަ ރެކޯޑް ހަދާނެ،" މޯޑުގެ ގާތް އެކުވެރިޔާ އިތުބާރާ އެކު ބުންޏެވެ.

ފުލް މެރެތަންގައި މޯޑުގެ ޕާސަނަލް ބެސްޓަކީ މި އަހަރުގެ ދުބާއީ މެރެތަންގައި ދުވި 2 ގަޑި 36:10 މިނެޓުގެ ޓައިމިން އެވެ. އެއީ ރާއްޖޭގެ ރެކޯޑް ޓައިމިމިން ކަމަށްވާ ޝިފާޒް މުހައްމަދުގެ ޓައިމިން އަށް ވުރެ 3.55 މިނެޓުގެ ލަސްވުމެކެވެ. ޝިފާޒް 2019 ވަނަ އަހަރުގެ ދުބާއީ މެރެތަންގައި ރެކޯޑް ހެދީ 2 ގަޑި 32:55 މިނެޓުން ދުވެގެންނެވެ.

އެކަމަކު މޯޑް ޕާސަނަލް ރެކޯޑް ހެދުމާއި އަދި އުމުރުފުރުރާގެ ދެ ވަނަ ހޯދުމާ އެކު ރެކޯޑާ ހަމަޔަށް ވަރަށް އަވަހަށް ވާސިލްވެވޭނެ ކަމަށް އޭރު އޮތީ ބެލެވިފަ އެވެ. ޑާކާ މެރެތަނަކީ އެކަމަށް އޭނާ އަށް ލިބިފައިވާ ރަނުގެ ފުރުސަތެކެވެ. އިންޑިވިޖުއަލް އިވެންޓެއްގައި ގައުމު ތަމްސީލްކުރަން ކުރަމުން އައި ހަ އަހަރުގެ އުއްމީދު ހާސިލްވާ ދުވުމުގައި ވަނައެއް ހޯދި ރެކޯޑް މުގުރާލެވިއްޖެ ނަމަ މޯޑަށް ކެރިއަރުގެ އުހަށް ދެވުނީ އެވެ.