ގެދޮރުނެތް ފަގީރަކު ފަސް އަހަރު ތެރޭގައި މިލިއަނަރަކަށް
ގެދޮރުނެތް ފަގީރަކު ފަސް އަހަރު ތެރޭގައި މިލިއަނަރަކަށް

އުމުރުން 46 އަހަރު ވެފައިވާ ޚަލީލް ރަފީތީ އަކީ މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން، ގެދޮރު ނެތް ފަގީރު ނިކަމެއްޗެކެވެ. މިހާރު އޭނާ ހުރި ގޮތުން މިއީ ރަނގަޅު ވާހަކައެއް ނޫނޭ ހީވެދާނެ އެވެ. އެކަމަކު އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ބެލުމުން، އޭނާ ދިރިއުޅުނު ހާލަތު ވަރަށް ރަނގަޅަށް ހާމަވެގެން ދެ އެވެ.

ގެދޮރުނެތް ފަގީރަކު ފަސް އަހަރު ތެރޭގައި މިލިއަނަރަކަށް
ގެދޮރުނެތް ފަގީރަކު ފަސް އަހަރު ތެރޭގައި މިލިއަނަރަކަށް

ޚަލީލް އަކީ މިހާރު އެމެރިކާގެ ލޮސް އެންޖެލިސްގެ ވަރަށް ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާގެ "ސަންލައިފް އޯގަނިކްސް ޖޫސް ބާ"ގެ ވިޔަފާރި ކުރިއަރައިގެން ގޮސް އެތައް މިލިއަނެއް މިހާރު އޭނާއަށް ފައިދާވެ އެވެ.

ގެދޮރުނެތް ފަގީރަކު ފަސް އަހަރު ތެރޭގައި މިލިއަނަރަކަށް
ގެދޮރުނެތް ފަގީރަކު ފަސް އަހަރު ތެރޭގައި މިލިއަނަރަކަށް

އޭނާ އަމިއްލަ ހަޔާތުގެ ތަޖުރިބާތަކުގެ މައްޗަށް ލިޔެފައިވާ "އައި ފޮގޮޓް ޓު ޑައި" ކިޔާ ފޮތެއް ވެސް ނެރެ އެވެ. މި ފޮތުގައި އޭނާ ވަނީ ވަރަށް ތަފްސީލުކޮށް އޭނާގެ ތަޖުރިބާތަކާއި ފަގީރުކަމުގައި އުޅުމަށް ފަހު ބޮޑު މުއްސަންޖަކަށް ވީ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ޚަލީލް ބުނެފައިވާ ގޮތުގައި މީގެ 13 އަހަރު ކުރިން އޭނާއަކީ ވަންނާނެ ގެދޮރެއް ނެތް ވަރަށް ނިކަމެތި މީހެއްގެ އިތުރުން މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ މީހެކެވެ. އޭނާގެ ދިރިއުޅުމުގެ ހާލަތު އޭރު ވަރަށް ދަށެވެ. ސިއްހީ ހާލަތު ދަށްވެ އޭރު ބަރުދަނުގައި ހުރީ އެންމެ 48 ކިލޯ އެވެ.

ޚަލީލްގެ ނަސީބު ގަދަކަމުން އެދުވަސްވަރު އޭނާއަށް ދިމާވި އެކުވެރިއަކު އޭނާގެ ހާލަތު ބަދަލުކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނެވެ. މަސްތުވާތަކެތިން ދުރުވެ އަމިއްލަ ދިރިއުޅުމެއް ފަށައިގަތުމަށް ހިތްވަރުދީ މަގުދެއްކި އެވެ.

ނެޗުރަލް ޖޫސް ވިޔަފާރިއަކީ އެ މީހާ ދިން ޚިޔާލެއްގެ މައްޗަށް ޚަލީލު ފެށި މަސައްކަތެކެވެ. އަދި މި މަސައްކަތުގައި ކުރިޔަށް ދިއުމުގެ ހިތްވަރު ޚަލީލަށް ލިބެމުން ދިޔަ ވަރަކަށް އޭނާގެ މަސްތުވާތަކެތީގެ މައްސަލަތަކާ ވެސް ދުރަށް ދެވުނެވެ. އަދި އަމިއްލަ ދިރިއުޅުން ހަމައަކަށް އަޅުވާލުމަށް ހިތްވަރާ އެކު މަސައްކަތްކުރަން ފެށުނެވެ.

އެންމެ ކުރިން އޭނާ ޖޫސް ތައްޔާރުކޮށްދޭން ފެށީ ރިވޭރީ ރިކަވަރީ ސެންޓަރުގައި ތިބޭ މުވައްޒަފުންނަށާއި ބަލި މީހުންނަށެވެ. މިއީ ޚަލީލަށް ވެސް އޭނާގެ ސިއްހަތު އަނބުރާ ހޯދާދިނުމަށް އެހީތެރިވި ސެންޓަރެވެ.

ޚަލީލް އުފައްދާ، ސިއްހަތަށް ފައިދާހުރި ބުއިންތައް އެހިސާބުގަނޑުގައި މަޝްހޫރުވަމުން ގިނަ ބަޔަކަށް އެ ބުއިންތައް ކަމުގޮސް ގަންނަން ފެށި އެވެ. އޭނާގެ ކަސްޓަމަރުން އޭނާ އުފައްދާ ބުއިންތަކާ މެދު ހިތްހަމަޖެހޭ އެއް ސަބަބަކީ އެ ބުއިންތަކުގައި ހުންނަނީ އަލްކަލައިން ފެނާއި ހިމާލަޔަން ޕިންކް ސޯލްޓް އަދި ޑެންޑެލައަން ގްރީންސް ކަމަށް ވާތީ އެވެ.

ސަންލައިފް އޯގަނިކްސްގައި ފުރުޓް ކޮކްޓެއިލާއި ކޮފީ އަދި ފްރޯޒަން ޔޯގަޓް ވެސް ވިއްކަ އެވެ. ނަމަވެސް މިއަދާ ޖެހެންދެން ވެސް އެތަނުން ވިއްކާ އެންމެ ޚާއްސަ އަދި އެންމެ މަޝްހޫރު އުފެއްދުމަކީ "ވުލްވަރީން" އެވެ. މިއީ ދޮންކޭލާއި ކަދުރު އަޅައިގެން ތައްޔާރުކުރާ ސްމޫތީ އެކެވެ.

ޚަލީލްގެ ވިޔަފާރި ކުރިއަރައިގެން ގޮސް މިހާރު އޭނާގެ އުފަން ރަށް މަލިބޫގެ އެކި ހިސާބުތަކުގައި ސަންލައިފް އޯގަނިކްސްގެ ޖޫސް ބާތައް ހުޅުވައިފި އެވެ. މިހާރު އޭނާ އަކީ ޖޫސް ބާ ޗެއިނެއްގެ ވެރިމީހާ އެވެ. މަހަކު އެތައް މިލިއަން ޑޮލަރެއް ލިބެ އެވެ. މިލިއަނަރެކެވެ.

ޚަލީލްގެ ކަސްޓަމަރުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން ހިމެނެ އެވެ. މި އެންމެންނަށް ވެސް ޚަލީލްގެ "އެލިކްސާ އޮފް ލައިފް" އާއި "ދަ ހެޕީ" ކޮކްޓެއިލް ވަރަށް ކަމުދެ އެވެ.

މިހާރު ޚަލީލް ވެފައި ވަނީ އަލަށް ވިޔަފާރިއެއް ފަށަން ޚިޔާލުކުރާ ޒުވާނުން އެމީހެއްގެ ކާމިޔާބީގެ ވާހަކައިން ހިތްވަރު ލިބިގަންނަ މީހަކަށެވެ. ޚަލީލްގެ ހައިރާންކުރުވަނިވި އަނެއް ސިފައަކީ އޭނާ ކުރިން އުޅުނު ހާލު، ތަނަވަސްކަމާ އެކު ހަނދާން ނައްތާނުލުމެވެ.

އެހެންވެ ޚަލީލް ވެފައިވަނީ އޭނާގެ ދަށުން މަސައްކަތްކުރާ މީހުންނަށް ވަރަށް ހެޔޮ ވެރިޔަކަށެވެ. އޭނާ އާ އެކު މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ އޭނާ ކުރިން ދިރިއުޅުނު ފަދަ ފަގީރު ހާލަތުގައި ދިރިއުޅެމުންދިޔަ މީހުންނެވެ.