ރަށަށް ދާން ލުއި ނުލިބިގެން ޝަކުވާ ބޮޑުވެއްޖެ!
ރަށަށް ދާން ލުއި ނުލިބިގެން ޝަކުވާ ބޮޑުވެއްޖެ!

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް ބަދަލުކުރަމުން އަންނައިރު މާލޭގައި "ބަންދުވެފައި" ތިބި މީހުން ރަށްރަށަށް ދަތުރުކުރުމުގައި އެކަށީގެންވާ ލުޔެއް ނުދޭން ދައްކާ ސަބަބުތައް ގަބޫލުނުކޮށް އާއްމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ރަށަށް ދާން ލުއި ނުލިބިގެން ޝަކުވާ ބޮޑުވެއްޖެ!
ރަށަށް ދާން ލުއި ނުލިބިގެން ޝަކުވާ ބޮޑުވެއްޖެ!

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ރިސޯޓްތަކަށް ދަތުރުކުރުމާއި 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ބޭރުން މާލެ ސަރަހައްދަށް އަންނަ މީހުން ކަރަންޓީންވާން ނުޖެހުމާއި ކުރު މުއްދަތަށް އެކި ދާއިރާތަކުގެ މީހުންނަށް ރަށްރަށަށް ދެވޭނެ ގޮތަށް އުސޫލް ލުއިކޮށްފަ އެވެ.

އެޗްޕީއޭގެ ބަދަލުތަކަށް ފާޑުކިޔާ މީހުން ބުނި ގޮތުގައި އަހަރެއް ވަންދެން މާލޭގެ ހާސްކަމުގައި ދިރިއުޅޭ މީހުން ރަށަށް ދިއުމުގައި އަދިވެސް އުފަލެއް ނެތެވެ. ކުރިން އޮތީ 14 ދުވަހު ކަރަންޓީންވާ ގޮތަށެވެ. އެކަމަކު ދުނިޔޭގެ އެހެން ގައުމުތަކުގައި ކަރަންޓީން މުއްދަތު ކުރުކޮށް އަމަލުކުރަމުންދާއިރު ރާއްޖޭގައި 14 ދުވަހު ކަރަންޓީންކުރާތީ ފާޑުކިއުން ބޮޑުވެފައި ވަނިކޮށް 10 ދުވަހަށް ވަނީ ކުރުކޮށްފަ އެވެ.

ކޮވިޑްގެ ނެގެޓިވް ޓެސްޓަކާ އެކު ރިސޯޓްތަކަށް ދެވޭ މިގޮތަށް ރަށްރަށަށް ދިއުން އަދިވެސް މަނާކޮށްފައިވާ ސަބަބާ މެދު ބައެއް މީހުން ދަނީ ސުވާލުކުރަމުންނެވެ. އެއީ ތަފާތު ކުރުމެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.

"ހެސް ކިޔާފައި ޓޫރިސްޓުން މިތަނަށް އަންނަނީ، ކަރަންޓީންވާކަށް ނުޖެހޭ. އެކަމަކު ދިވެއްސަކު މާލެއިން އެހެން ރަަށަކަށް ދާ ނަމަ، ކަރަންޓީންވާން މަޖުބޫރު. ދިވެހިން ދިވެހި ގައުމުގައި މިވަނީ ފާޑަކަށް އަޅުވެތިކޮށްފައި،" އަހްމަދު ލަތީފް ކިޔާ މީހަކު ޓުވިޓާގައި ކުރި ޝަކުވާގައިވެ އެވެ.

ޗުއްޓީ ހޭދަކުރަން ދިވެހިންނަށް ރިސޯޓްތަކަށް ދެވޭއިރު ނެގެޓިވް ނަތީޖާއަކާ އެކު ވެސް ރިސޯޓް މުވައްޒަފުންނަށް ރަށްރަށަށް ނުދެވުން ޖޯކަކަށް ނުވާންވީ ސަބަބު ސާފުކޮށްދޭން އެކަކު އެދިފައިވެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އަތޮޅުތަކަށް ދާ މީހުން ކަރަންޓީންވާން ޖެހޭ ސަބަބާ ގުޅުވައި މާލެ އާއި އަތޮޅުތަކާ ދެމެދު އެހާ ބޮޑު ތަފާތު ކުރުމެއް އޮންނަ ސަބަބާ މެދު ވަރަށް ގިނަ ބަޔަކު ސުވާލުކުރަމުންދާ ކަމަށެވެ. އެކަން ސާފުކޮށްދެއްވަމުން ވިދާޅުވީ މާލޭގައި މިހާރު ވެސް ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އެބައޮތް ކަމަށެެވެ.

"އަޅުގަނޑުމެންގެ މަސައްކަތް ފެށުނީއްސުރެން، މާލޭގައި ކޮމިއުނިޓީ ސްޕްރެޑާ އެކު ވެސް އެންމެ މުހިއްމު އިސްކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާފައި މިއޮތީ އަތޮޅު ތެރޭގެ ރަށްރަށަށް ބަލި ދިއުމުން ރައްކާތެރިކުރުން،" ނަޒްލާ ވިދާޅުވި އެވެ.

އުސޫލްތަކަށް ބަދަލު ގެންނައިރު އަދިވެސް ވިސްނުމަކީ އޭނާ ވިދާޅުވި ގޮތުގައި އަތޮޅުތައް ވީހާވެސް ބޮޑަށް ބަލިން ރައްކާތެރި ކުރުމެވެ. އަތޮޅުތަކަށް ދާ މީހުން ކަރަންޓީންވާ ގޮތަށް އަދިވެސް އޮންނަނީ އެއީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭތީ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓްތަަކަށް ދާން ދިން ލުއި އަތޮޅުތަކުގެ ގެސްޓްހައުސްތަކަށް ދާން ނުދިނީ ވެސް އެ ރަށްތައް ރައްކާތެރި ކުރުމަށެވެ. މިވަގުތަށް އެކަން ހިފަަހައްޓާފައި އޮތް ނަމަވެސް ކަންކަން ކުރިއަށް ދާ ގޮތަކުން ލުއިތައް ދިނުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.