06 ނޮވެމްބަރ 2016 - 06:27

"އޭ ދިލް ހެ މުޝްކިލް" ސެންސަރު ކުރިއިރު ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ރަފީއަށް މަލާމާތް ރައްދުވާ ގޮތަށް އެއްޗެކޭ ބުނާ ޑައިލޯގެއް ސެންސަރު ނުކުރެވި އޮތުމުން އިންޑިއާގެ ސެންސަރު ބޯޑުގެ ޗެއާޕާސަން ޕެހެލަޖް ނިހަލާނީ ވަރަށް ދެރަވެއްޖެ އެވެ. އޭނާ ވަނީ އެ ޖުމްލަ ސެންސަރު ނުކުރެވުނު ސަބަބު ދެނެގަތުމަށް ތަހުގީގެއް ކުރުމަށް ނިންމާފަ އެވެ.
ފިލްމުގައި އަނުޝްކާ ޝަރުމާ ބުނާ "މުހައްމަދު ރަފީ ގާތޭ ނެހީން، ރޯތޭ ތޭ" (މުހައްމަދު ރަފީ ލަވަ ކިޔަނީކީ ނޫނޭ، ރޮނީއޭ) ޑައިލޯގް ގެ ސަބަބުން ރަފީގެ އާއިލާގެ މީހުން ވަނީ ވަރަށް ރުޅިއައިސްފަ އެވެ. އަދި ސޯނޫ ނިގަމް އާއި އެނޫން ވެސް ބައެއް ލަވަކިޔުންތެރިން ވެސް އެ ޑައިލޯގާ ހިތްހަމަނުޖެހިގެން ވާހަކަ ދައްކާފައިވެ އެވެ.
ރަފީގެ ދަރިފުޅު ޝާހިދު ވަނީ "އޭ ދިލް ހެ މުޝްކިލް"ގެ ޑައިރެކްޓަރު ކަރަން ޖޯހަރް މައާފަށް އެދެން ޖެހޭނެ ކަމަށާއި އެ ޑައިލޯގް ފިލްމުން އުނިކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
ފިލްމު އުފެއްދުމުގައި އުޅޭ ސީނިއާ މީހަކު ބުނެފައިވާ ގޮތުގައި އެއްގޮތަކުން ބަލާއިރު މިއީ ސެންސަރު ބޯޑުގެ މައްސަލައެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ އެއްވެސް މީހަކަށް މަލާމާތްކޮށް ނުވަތަ ކަނޑައެޅިގެން ވަކި ފަރުދަކާ ދިމާލަށް ނުވަތަ ބަކި ބަޔަކާ ދިމާލަށް އެމީހަކު ނުވަތަ އެ ބަޔަކު ހިތްހަމަނުޖެހޭ ކަހަލަ ވާހަކައެއް ފިލްމެއްގައި ބުނާ ނަމަ އެ ބައި ސެންސަރު ކުރުމަކީ ސެންސަރު ބޯޑުގެ ޒިންމާއަކަށް ވާތީ އެވެ. އެހެންކަމުން ލަވަކިޔުންތެރިއަކަށް އެހާބޮޑު އިހާނެތިކަމެއް ލިބޭ ކަހަލަ ޑައިލޯގެއް ސެންސަރު ނުކުރެވުނު ސަބަބަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދި އެވެ.
މި ކަން ހިނގާފާއިވާ ގޮތް ބެލުމަށްފަހު ސެންސަރު ބޯޑުން ކަރަން ޖޯހަރްއަށް އެ ޑައިލޯގް "ބީޕް" ކުރުމަށް އަންގަފާނެކަމަށް މިހާރު ބެލެވެ އެވެ.
ނަމަވެސް ކަރަން ހުރީ މިކަމާ ފާޑުކިޔާ މީހުން ދެކެ ރުޅިއައިސްފަ އެވެ. ކަރަން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފިލްމު އުފައްދާ މީހުން އެކި އިވެންޓުތަކުގައި ޒިންމާދާރުކަން ކުޑަ ވާހަކަތައް ދައްކަމުންދާ ކަމަށާއި ލަވަކިޔުންތެރިން އަމިއްލައަށް މާ މުހިއްމު ބަޔަކަށް ހެދިގެންއުޅޭ ކަމަށެވެ. އަދި ޕްރެސް ރިލީޒް ވެސް ނެރެނީ އަމިއްލަ ނުކުޅެންތެރިކަން ފޮރުވަންކަމަށް ކަރަން ތުހުމަތުކޮށްފައިވެ އެވެ.