17 ޑިސެމްބަރ 2020 - 12:39

މި އަހަރު ދެވަނަ ކުއާޓާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 166 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ އާންމު ކުރި ސަރުކާރު ކުންފުނިތަކުގެ ކުއާޓަލީ ރިޕޯޓްގައި ބުނެފައި ވަނީ އެމްއޭސީއެލް އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި 1.2 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ލިބުނީ 1.3 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މި އަހަރު ދެވަނަ ކުއާޓާ ތެރޭގައި އެ ކުންފުންޏަށް ލިބިފައި ވަނީ 111 މިލިއަން ރުފިޔާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 91 ޕަސެންޓް މަދު އަދަދެކެވެ. އަދި އެއީ މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ލިބުނު އާމްދަނީ އަށް ވުރެ ވެސް 92 ޕަސަންޓް ދަށް އަދަދެކެވެ.
އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ ތެރޭގައި އެމްއޭސީއެލް އަށް 346 މިލިއަން ރުފިޔާގެ ފައިދާވިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ވެސް އެމްއޭސީއެލް އަށް 423 މިލިއަން ރުފިޔާގެ ސާފު ފައިދާވި އެވެ. ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓާގައި އެމްއޭސީއެލް އަށް 166 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެމްއޭސީއެލްގެ އާމްދަނީގެ ދެވަނަ ކުއާޓާގައި ވެއްޓުނު މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން މާޗު މަހުން ފެށިގެން ބޯޑަރު ބަންދުކޮށް، އިންޓަނޭޝަނަލް ފްލައިޓުތައް ހުއްޓިފައި އޮތުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ ސަބަބުން ތެލުން ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 94 ޕަސަންްޓް ދަށްވެފައިވާ ކަމަށާއި ޑިއުޓީ ފްރީ އިން ލިބުނު އާމްދަނީ ވެސް ދަށްވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.