ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާގެ ބޮޑު ބައެއް ނިންމައިފި
ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާގެ ބޮޑު ބައެއް ނިންމައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 7000 ހައުސިން ޔުނިޓުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމައިފި އެވެ.

ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާގެ ބޮޑު ބައެއް ނިންމައިފި
ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާގެ ބޮޑު ބައެއް ނިންމައިފި

އެމްޑަބްލިއުއެސްސީން މިއަދު ކުރި ޓްވީޓުގައި ބުނީ ސާފު ބޯފެން ފޯރުކޮށްދިނުމުގެ 59 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށެވެ. ނަރުދަމާގެ ނެޓްވޯކް އެޅުމުގެ 100 ޕަސެންޓް ނިންމާފައިވާއިރު 16 ޓަވަރުގެ ތެރެއިން 13 ޓަވަރަށް ނަރުދަމާގެ ކަނެކްޝަން ގުޅާފައިވާ ކަމަށް ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓުތަކަށް ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ކުންފުނިން ވަނީ އަންނަ ފެބްރުއަރީ މަހުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނެފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 16 ޓަވަރަށް ޖުމުލަ 580 ކަނެކްޝަން އެމްޑަބްލިއުއެސްސީން ގުޅައިދޭނެ އެވެ. އަދި 11,003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކަކާއި 283 މޭން ހޯލާއި ދެ ޕަންޕިން ސްޓޭޝަން ގާއިމް ކުރާނެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން ބުނީ ހިޔާ ފްލެޓްތައް އަންނަ މާޗް މަހު ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތްކޮށްފައިވާ އިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.