ފިލްމު ކުޅެން ހުށަހެޅުންތައް ލިބޭ: އަރުމާން މާލިކް
ފިލްމު ކުޅެން ހުށަހެޅުންތައް ލިބޭ: އަރުމާން މާލިކް

ފިލްމު ކުޅެން ވަރަށް ގިނައިން ހުށަހެޅުންތައް އަންނަ ކަމަށާއި އެކަމަކު މި ވަގުތު އެކްޓިން އަށް ނުކުތުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އިންޑިއާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ އަރުމާން މާލިކް ބުނެފި އެވެ.

ބޭބެ އަމާލް މާލިކާ ގުޅިގެން އެތައް ފިލްމަކަށް މިއުޒިކް ހަދައި، މަގުބޫލުތައް އެތައް ލަވައެއް ކިޔާފައިވާ 25 އަހަރުގެ ފަންނާނު ބުނީ އޭނާ ކުޅެފައިވާ ބައެއް މިއުޒިކް ވީޑިއޯތަކުގައި ދައްކާފައިވާ ހުނަރު ފެނިގެން ފިލްމުތަކުގައި އެކްޓްކޮށް ދޭން އެދި އަބަދު ވެސް ގިނަ ހުށަހެޅުންތައް އަންނަ ކަމަށެވެ.

"ވީޑިއޯތައް ބަލާފައި ވަރަށް ގިނަ ބަޔަކު ބުނޭ އަހަންނަށް އެކްޓަރަކަށް ވެސް ވެވިދާނެ ކަމަށް. އެކަމަކު އެކަމަކާ ދޭތެރޭ އަހަރެން ނުވިސްނަން. އަނެއްކޮޅުން ހަމަ ފިލްމެއް ކުޅެލުމުގެ ނިޔަތުގައި ބޭނުމެއް ނޫން އެކްޓިން އަށް ނުކުންނާކަށް،" އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) ދިން އިންޓަވިއުއެއްގައި އަރުމާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިލްމަކަށް އެއްބަސްވާ ނަމަ އެކަމަށް ރުހުން ދޭނީ ވަރަށް ބޮޑަށް ތައްޔާރުވުމަށް ފަހު އެވެ. ސަބަބަކީ ފިލްމު ކުޅުމަކީ އެކްޓްކުރުމުގެ އިތުރަށް ނެށުމާއި ތަޅާފޮޅުމުގެ ހުނަރުތައް ވެސް މުހިއްމު ދާއިރާއަކަށްވުމެވެ.

"އެ ހުނަރުތަކެއް އަހަރެންގެ ކިބަޔަކު މި ވަގުތަކު ނެތް. އެހެންވީމަ ފިލްމަކަށް އެއްބަސްވާ އިރު އެބަޖެހޭ އެ ހުނަރުތައް ހުންނަ މީހަކަށް ކޮންމެހެން ވެސް ވާން. އަހަރެންގެ ހުރިހާ ފޯކަސްއެއް މ ވަގުތު ހުރީ މިއުޒިކަށް. އެހެންވީމަ އެހެން ކަމެއް ކުރުމާ ދޭތެރޭ ވިސްނާކަށް ވަގުތެއް އަސްލު ނުވެސް ނެތް،" 2017 ގައި ރާއްޖޭގައި ވެސް ޕަފޯމްކުރި ފަންނާނު ބުންޏެވެ.

އަރުމާން ބުނީ ފިލްމެއް ނުވަތަ ވެބް ސީރީޒެއްގައި މިއުޒިޝަނެއްގެ ރޯލު ކުޅެން ލިބިއްޖެ ނަމަ އެކަމާ ދޭތެރޭ ވިސްނާނެ ކަމަށެވެ.

"އެކަމަކު އެ ވާން ޖެހޭނެ އަހަރެން ހިތްހަމަޖެހޭ ވަރުގެ އެއްޗަކަށް." އޭނާ ބުންޏެވެ.

އަރުމާންގެ އާއިލާގެ ގިނަ މީހުންނަކީ މިއުޒިޝަނުންނެވެ. އޭގެ ތެރޭގައި ބޭބެ އަމާލް އާއި ބައްޕަ ޑައްބޫ މާލިކްގެ އިތުރުން ބޮޑުބޭބެ އައްނޫ މަލިކް ހިމެނެ އެވެ. ނަމަވެސް އަރުމާންގެ ބައްޕަ ޑައްބޫ ބައެއް ފިލްމުތަކުގައި ކުދިކުދި ރޯލްތައް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ޝާހްރުކް ޚާންގެ "ބާޒީގަރު" އެވެ.