އަކްޝޭ އަށް ތައުރީފުކުރުމުން އަބީޝެކް ހިތްހަމަނުޖެހިއްޖެ
އަކްޝޭ އަށް ތައުރީފުކުރުމުން އަބީޝެކް ހިތްހަމަނުޖެހިއްޖެ

ބޮލީވުޑްގައި އަކްޝޭ ކުމާރުހާ ބުރަކޮށް މަސައްކަތްކުރާ އަދި އެއްފަހަރާ ގިނަ ފިލްމުތަކެއް ކުޅޭ އެކްޓަރެއް ނެތް ކަމަށް ބުނެ ފިލްމު ޑިސްޓްރިބިއުޓަރަކު ތައުރީފުކޮށް ޓްވީޓްކުރުމުން، އަބީޝެކް ބައްޗަން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މިހާރު ވެސް އަތުގައި ގިނަ ފިލްމުތަކެއް ހުރި އަދި ފުލުފުގައި ފިލްމުތަކަށް ސޮއިކޮށް، ޝޫޓްކުރަމުން އަންނަ އަކްޝޭ އަށް ތައުރީފުކޮށް ޑިސްޓްރިބިއުޓަރު އަކްޝޭ ރާތީ ބުނީ އެހެން ތަރިން ކުދިކުދި ސީންތަކަށް ތައްޔާރުވުމުގައި ވަގުތު ނަގާލާ އިރު އަކްޝޭ އަންނަނީ އެ މީހުން އެ ނަގާ ވަގުތުގެ ތެރޭގައި މުޅި ފިލްމު އެއްކޮށް ނިންމައިލަމުން ކަމަށެވެ. އަދި އަކްޝޭ އަކީ ކުޅޭ ކޮންމެ ފިލްމެއް ބޮޑު ހިޓަކަށް ހަދައިދޭ އެކްޓަރެއް ކަމަށާއި އެހެން ތަރިން ވެސް އަކްޝޭ އުޅޭހެން އުޅެންވެއްޖެ ކަމަށް ބުނެފައިވެ އެވެ.

މި ވާހަތަކާ ގުޅިގެން އަބީޝެކް ކުރި ޓްވީޓެއްގައި ބުނީ ކޮންމެ އެކްޓަރަކީ އެ މީހެއްގެ ޒާތުގައި ތަފާތު ގޮތަކަށް މަސައްކަތްކުރާ މީހެއް ކަމަށާއި އެފަދަ ގޮތަކަށް އަޅާކިޔުމަކީ އިންސާފެއް ނޫން ކަމަށެވެ.

"އަދި އެކި މީހުން [އެކްޓަރުން] މޯޓިވޭޓްކުރުވަނީ ވެސް ތަފާތު ކަންކަން. އަދި ކަންކަން ކުރުމުގައި ވެސް ގެންގުޅެނީ ތަފާތު ގޮތްގޮތް،" އަބީޝެކް ބުންޏެވެ.

އަކްޝޭ އަބަދު ވެސް ފާހަގަކުރެވެނީ ވަރަށް ޕްލޭންކޮށްގެން މަސައްކަތްކުރާ އެކްޓަރެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާގެ އެންމެ ހާއްސަ އެއް ސިފަ އަކީ ވަރަށް ފަތިހުފަތިހާ ހޭލާފައި ފިލްމީ މަސައްކަތްތަކަށް ވަގުތު ހުސްކޮށް، ރޭގަނޑު ވަރަށް އަވަހަށް ނިދާ އެކްޓަރެއްގެ ގޮތުގަ އެވެ.

މީގެ ސަބަބުން އަކްޝޭ އަށް ގިނަ ފިލްމުތަކެއްގައި އެއް ފަހަރާ މަސައްކަތްކުރަން މަގުފަހިވެ އެވެ. އަދި ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ފާހަގަކުރާ ގޮތުގައި އަކްޝޭ އަކީ އެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ، މަސައްކަތަށް ވަރަށް ފަރުވާ ބަހައްޓާ އެކްޓަރަކެވެ. އޭގެ ނަތީޖާ އަކީ މަދުވެގެން އަހަރަކު އޭނާގެ 4-5 ފިލްމު ސިނަމާތަކަށް އައުމެވެ.

ދާދި ފަހުން އިނގިރޭސިވިލާތުގައި ޝޫޓްކުރި "ބެލް ބޮޓަމް" އަކީ ވެސް އަކްޝޭ މަސައްކަތުގައި ނަމޫނާ ދައްކައި، ޕްރޮޑިއުސަރުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިން ފިލްމެކެވެ. އެ ފިލްމުގެ މަސައްކަތް އޭނާ ނިންމައިލީ ގާތްގަނޑަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގަ އެވެ. އެއީ 45 ވަރަކަށް ދުވަހެވެ.

އަކްޝޭ މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ "ޕްރިތުވީރާޖް" އާއި "އަތުރަންގީ ރޭ" އެވެ. އަދި އަންނަ މަހު "ބައްޗަން ޕާންޑޭ" ގެ ޝޫޓިން ފަށާނެ އެވެ. އޭނާ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ރާމް ސެތޫ" އާއި "ރަކްޝާބަންދަން" އަދި "މިޝަން ލަޔަން" ހިމެނެ އެވެ.

ފިލްމީ މަސައްކަތް ކުރަމުން އަކްޝޭ މިހާރު އަންނަނީ މިދިޔަ އަހަރު ރިލީޒްކުރި އޭނާގެ ވީޑިއޯ ލަވަ "ފިލްހާލް" ގެ ދެވަނަ ބައިގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ލަވަ އަކީ އަކްޝޭ އާއި ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮ ނުޕޫރް ސެނަން އެކީގައި ކުޅޭ ލަވައެކެވެ. އަދި އަކްޝޭ އަކީ ގިނަ ބްރޭންޑްތަކެއް އިޝްތިހާރު ވެސްކޮށްދޭ އެކްޓަރެކެވެ.

މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ލަކްޝްމީ" އަށް ފަހު އަކްޝޭ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާ "ސޫރިޔަވަންޝީ" އިންނެވެ.