17 ޑިސެމްބަރ 2020 - 09:45

ބާސެލޯނާ (ޑިސެމްބަރު 17) – ރެއާލް ސޮސިއެޑާޑް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގައި ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ހޯދައިފި އެވެ.
މި މޮޅާ އެކު ބާސެލޯނާ ވަނީ 12 މެޗުން 20 ޕޮއިންޓް ހަމަކޮށް ފަސް ވަނަ އަށް އަރައިފަ އެވެ. އަދި މި މެޗުން ބަލިވުމުން ސޮސިއެޑާޑަށް ވަނީ އެއް ވަނަ ގެއްލިފަ އެވެ، މި ވަގުތު އެ ޓީމު އޮތީ 14 މެޗުން 26 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 11 މެޗުން 26 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އެތުލެޓިކޯ މެޑްރިޑެވެ. ތޭރަ މެޗުން އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސޮސިއެޑާޑުން 27 ވަނަ މިނެޓުގައި ވިލިއަން ހޯސޭގެ ލަނޑުން ކުރި ހޯދި އެވެ. ބާސެލޯނާ އިން އެއްވަރުކުރީ 31 ވަނަ މިނެޓުގައި ޖޯޑީ އަލްބާގެ ލަނޑުންނެވެ. އެ ޓީމު މޮޅުވީ 43 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޮންގް ޖެހި ގޯލުންނެވެ.
"މިއީ މި ސީޒަނުގައި އަހަރެމެންގެ އެންމެ މޮޅު މެޗު. އަހަރެމެން މެޗަށް އައީ ކުރަންވީ ކަންތައް ރަނގަޅަށް އެނގިގެން. އަހަރެމެން އެ ޓީމަށް ޕްރެޝަރު ދިނިން ހާއްސަކޮށް ފުރަތަމަ ހާފުގައި،" ބާސެލޯނާގެ ފުލްބެކް އަލްބާ ބުންޏެވެ.