17 ޑިސެމްބަރ 2020 - 11:49

ޕެރިސް (ޑިސެމްބަރު 17) - ފްރާންސް ލީގުގައި ރޭ ލޮރިއެންޓް އަތުން 2-0 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ލީގުގެ އެއް ވަނައިގައި އޮތް ލިލް ފަހަތުގައި ވިއްދައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިލް ރޭ ކުޅުނު މެޗުން ވަނީ ޑިޖޯން ދަނޑުގައި ވަނީ 2-0 އިން މޮޅުވެފަ އެވެ. އެ ޓީމަށް 15 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. ކުރިން ދެ ވަނައިގައި އޮތް ލިޔޯން ރޭ ކުޅުނު މެޗުން ވަނީ 2-2 އިން ބްރެސްޓާ އެއްވަރުވެފަ އެވެ. ލިޔޯނަށް މޮޅުނުވެވުމުން އެ ޓީމަށް ދެ ވަނަ ގެއްލި ޕީއެސްޖީ ވަނީ އެ މަގާމަށް އަރައިފަ އެވެ. ޕީއެސްޖީ އަށް 15 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ލިޔޯންގެ އޮތީ 15 މެޗުން 30 ޕޮއިންޓެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ލޮރިއެންޓުން ވަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ޕީއެސްޖީން ވަނީ ކީލިއަން އެމްބާޕޭގެ ޕެނަލްޓީން ލީޑުނަގައިފަ އެވެ. މިއީ އެމްބާޕޭ އަށް ލޮރިއެންޓްގެ އެންޑްރޫ ގަވީލޯން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ފައުލަށް ގަވީލޯން އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
އެމްބާޕޭގެ މި ގޯލާ އެކު އޭނާ ވަނީ ޕީއެސްޖީ އަށް 103 ގޯލު ހަމަކޮށްފަ އެވެ. އޭނާ އަކީ އެ ކްލަބް ތާރީހުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.
ލޮރިއެންޓްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 61 ވަނަ މިނިޓްގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖެހީ އިޓަލީގެ ފޯވާޑް މޮއިސް ކީން އެެވެ.
ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ނުކުޅެ އެވެ. ނޭމާ އަށް ލިބުނު އަނިޔާ ކުރިން ބެލެވުނުހާ ސީރިއަސް ނޫން ކަމަށް ޕީއެސްޖީން ވަނީ ބުނެފަ އެވެ. ރޭގެ މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އުއްމީދުކުރަނީ އަންނަ ހަފްތާގައި ނޭމާ ކުޅުމަށް އެނބުރި އަންނާނެ ކަމަށެވެ.