"ގޯލްމާލް އެގެއިން" އެންމެ ފަހުން ޕަރިނީތީ ޗޯޕްރާ އަށް
"ގޯލްމާލް އެގެއިން" އެންމެ ފަހުން ޕަރިނީތީ ޗޯޕްރާ އަށް

ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ގޯލްމާލް" ސީރީޒްގެ ހަތަރު ވަނަ ފިލްމު "ގޯލްމާލް އެގެއިން" އުފައްދަން ފަށާކަން އިއުލާން ކުރީއްސުރެ ފިލްމުގެ ބަތަލާ އަކީ ކޮބައިކަމާ މެދު ތަފާތު ޚަބަރުތައް ފެތުރެމުން ދިޔަ އެވެ. އެންމެ ފަހުން އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ މި ފިލްމުގެ ބަތަލާއަކަށް ހަމަޖެހިފައި ވަނީ ޝްރައްދާ ކަޕޫރު ކަމަށެވެ. ނަމަވެސް ޝްރައްދާ ވަނީ އޭނާ "ގޯލްމާލް" ނުކުޅޭ ކަމަށް ބުނެފަ އެވެ. މިހާރު ޚަބަރު ލިބެނީ ޕަރިނީތީ ޗޯޕްރާ އެ ފިލްމުގެ ބަތަލާއަކަށް ހަމަޖެހުނު ވާހަކަ އެވެ.

މިކަމާ ގުޅޭ ގޮތުން އެ ފިލްމާ ގުޅުން ހުރި މީހަކު ބޮމްބޭ ޓައިމްސް އަށް ކިޔައިދީފައިވާ ގޮތުގައި އެ ރޯލަށް ބޭނުންވަނީ ވަރަށް ސަކަ މިޒާޖުގެ ރީތި ބަތަލާ އެކެވެ. ފިލްމުގެ މި ކެރެކްޓާ އަބަދުވެސް ފެންނާނީ އަޖޭ ދޭވްގަންއާ އެކުގައި ކަމަށާއި އެހެން އެއްވެސް އެކްޓަރަކާ އެކު އެ ބަތަލާ ނުފެންނާނެ ކަމަށެވެ. އަދި އަޖޭ ކުރާ ހުރިހާ ކުށެއްގައި ބަރާބަރަށް މި ރޯލު އަދާކުރާ މީހަކު ބައިވެރިވާނެ އެވެ. މި ރޯލަކީ ވަރަށް ޝައުގުވެރި އެހާމެ މަޖާ ރޯލެއް ކަމަށާއި ޕަރިނީތީ އަށް މި ރޯލު ވަރަށް ކަމުދިޔަ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި ޑައިރެކްޓަރު ރޯހިތު އަށް ޝްރައްދާ އާއި ޕަރިނީތީގެ ތެރެއިން އެ ރޯލު ދޭނީ ކޮން ބަތަލާއަކަށް ކަން ނުނިންމިގެން އެ ދެ ބަތަލާއިންނާ ވެސް ބައްދަލުކޮށް އެ ރޯލު ކިޔައިދިނެވެ. ޝްރައްދާ ފަހުން ޖަވާބެއް ދޭނެ ކަމަށް ބުނިއިރު ޕަރިނީތީ ވަގުތުން ދެ ވަނަ ވިސްނުމަކަށް ނުގޮސް އާނއެކޭ ބުނެފައިވެ އެވެ.

ޕަރިނީތީ އަށް "ގޯލްމާލް" ބްރޭންޑްގެ ފިލްމުތައް ވަރަށް ކަމުގޮސްފައި ވުމާއި ފިލްމަކީ ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމަކަށް ވާތީ ޕަރިނީތީ ވަގުތުން އާނއެކޭ ބުނުމުން ރޯހިތު އޭނާ ލައްވާ ސޮއި ކުރުވީ އެވެ.
މިއީ 2017 ގައި ނުކުންނާނެ ކަމަށް ބެލެވޭ ޕަރިނީތީގެ ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ "މޭރީ ޕިޔާރީ ބިންދޫ" އާއި "ތަކާދުމް" އެވެ.

އަންނަ އަހަރު ކުރީކޮޅު ފަށަން ހަމަޖެހިފައިވާ މި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.