ގުޖުރާތުގެ ހަމަނުޖެހުން ހިންގިތާ 14 އަހަރު ފަހުން ބަޔަކަށް ހުކުމް ކޮށްފި
ގުޖުރާތުގެ ހަމަނުޖެހުން ހިންގިތާ 14 އަހަރު ފަހުން ބަޔަކަށް ހުކުމް ކޮށްފި

ގުޖުރާތު (ޖޫން 2) - އިންޑިއާގެ ގުޖްރާތު ސްޓޭޓުގައި މީގެ 14 އަހަރު ކުރިން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 24 މީހެއްގެ މައްޗަށް ދިއްލީގެ ކޯޓަކުން މިއަދު ހުކުމް ކޮށްފި އެވެ.

ގުޖުރާތުގެ ހަމަނުޖެހުން ހިންގިތާ 14 އަހަރު ފަހުން ބަޔަކަށް ހުކުމް ކޮށްފި
ގުޖުރާތުގެ ހަމަނުޖެހުން ހިންގިތާ 14 އަހަރު ފަހުން ބަޔަކަށް ހުކުމް ކޮށްފި

މުސްލިމުންނާ ދެކޮޅަށް 2002 ވަނަ އަހަރު ހަމަނުޖެހުން ހިންގާ އެތައް ބަޔަކު މެރި އިރު އެ ސްޓޭޓުގެ ބޮޑު ވަޒީރަކަށް ހުންނެވީ އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ.

އަހުމަދު އާބާދުގެ އާއްމުން ދިރިއުޅޭ އިމާރާތެއްގައި ހިމާޔަތް ހޯދައިގެން ތިބި މުސްލިމުންގެ 69 މީހުން މެރި މައްސަލާގައި 36 މީހަކު ކުށްވެރި ނުވާ ކަމަށް ފަނޑިޔާރު ޕީބީ ދެސާއީ އިއްވެވި ހުކުމުގައިވެ އެވެ. އެކަމަކު މި މައްސަލާގައި ބަޔަކު ކުށްވެރިވާ ކަމަށް ހުކުމް ކުރުމާ އެކު މަރުވި މީހުންގެ އާއިލާތަކުން ވަނީ ކޯޓުގައި އުފާ ފާޅުކޮށްފަ އެވެ.

އަހަރުތަކަކަށް ދިގު ދެމިގެން ދިޔަ ޝަރީއަތުގައި 300 މީހަކު ވަނީ ހެކި ބަސް ދީފަ އެވެ.

ގުޖުރާތުގެ އެކި ހަމަނުޖެހުންތަކުގައި ވަނީ ހާހަކަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ހަމަނުޖެހުންތައް ހިންގަމުން ދިޔަ އިރު ޗީފް މިނިސްޓަރެއްގެ ހައިސިއްޔަތުން މޯދީ އެކަމާ އަޅާ ނުލެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ގުޖުރާތުގެ ހަމަނުޖެހުންތައް ފެށުނީ ފެބްރުއަރީ 27، 2002 ގައި ރޭލެއްގައި އަލިފާން ރޯވެ ހިންދޫންގެ 59 މީހުން މަރުވުމާ ގުޅިގެންނެވެ. އެކަން ކުރީ މުސްލިމުން ކަމަށް ބުނެ މުސްލިމުންގެ ކިބައިން ބަދަލު ހިފަން ހިންދޫން ހިންގި އަމަލުތައް ވެގެން ދިޔައީ 1947 ވަނަ އަހަރު އިންޑިއާ މިނިވަންވި ފަހުން އެ ގައުމުގައި ހިންގި އެންމެ ބޮޑު ދީނީ ހަމަނުޖެހުމަށެވެ. މި ހަމަނުޖެހުންތަކުގައި މިހާރު ވެސް ވަނީ 100 މީހަކު ކުށްވެރިވާ ކަމަށް ހުކުމްކޮށްފަ އެވެ. --އޭއެފްޕީ