ކޮވިޑް-19: 2297 ސާމްޕަލް، ޕޮޒިޓިވް 10، 26 މީހުން ރަނގަޅުވި
ކޮވިޑް-19: 2297 ސާމްޕަލް، ޕޮޒިޓިވް 10، 26 މީހުން ރަނގަޅުވި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އެ ބަލިން 26 މީހުން ރަނގަޅުވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6 އާ ހަމައަށް 2،297 ސާމްޕަލް ޓެސްޓުކޮށްފައި ވެ އެވެ.

އަލަށް ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން ހަތް މީހަކާއި އެހެން ރަށަކުން މީހަކާއި މި ވަގުތު އޮޕަރޭޓްކުރާ ރިސޯޓަކުން މީހެކެވެ. އެއާއެކު، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 13،402 އެވެ.

އެ ބަލިން 12،786 މީހުން ރަނގަޅުވެފައިވާއިރު މި ވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 561 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 447 މީހުންނާއި އެހެން ރަށްރަށުން 44 މީހުންނާއި ރިސޯޓުތަކުން 43 މީހުންނާއި ސަފާރީތަކުން ނުވަ މީހަކާއި ތަރައްގީކުރަމުން ރިސޯޓުތަކުން 17 މީހެއްގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށަކުން މީހެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހިފައިވާ ދިވެހީންގެ އަދަދަކީ 8،457 އެވެ. މީގެ ކުރިން އެ ބަލި އެންމެ ބޮޑަށް ފެތުރުނު އެއް ބަޔަކީ ބަންގްލަދޭޝެ މީހުންނެވެ. އެ ގައުމުގެ 3،276 މީހަކަށް ރާއްޖޭގައި ކޮވިޑް ޖެހިފައިވާއިރު ދެން އެންމެ ގިނައީ އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ. އެ ގައުމުގެ 781 މީހަކަށް އަދި ސްރީލަންކާގެ 356 މީހަކަށް ބަލި ޖެހުނެވެ.