05 ނޮވެމްބަރ 2016 - 12:02

އިއްޔެ ހަވީރު ކ. ހުރާގައިި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކުޑަކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް އިންޑިޔާއަށް ފޮނުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ޓްރަކެއް ގައިމައްޗަށް އަރައި ލިވާ ފަޅައިގެން ދިއުމުގެ ސަބަބުން ތިން އަހަރުގެ މުހައްމަދު ނާލް ވަނީ އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފަ އެވެ.
އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓާ އަހުމަދު މައުސޫމް ވިދާޅުވީ ރޭގެ ވަގުތެއްގައި އެ ކުއްޖާގެ އޮޕަރޭޝަނެއް ކޮށްފައިވާކަމަށާއި މިހާރު ހޭވެރިކަން އެބަހުރި ކަމަށެވެ. ނަމަވެސް އަދިވެސް ހާލު ސީރިއަސްވުމުން މިއަދު ހަވީރު އިންޑިޔާއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
ނާލް ގައި މައްޗަށް އެރި ޓްރަކަކީ އެ ރަށުގެ ކުޑަކުދިން އަރުވައިގެން ރަށުގެ މީހަކު އާންމުކޮށް ހަވީރު ގަޑީގައި ދުއްވާ އެއްޗެކެވެ.
އެ ކުއްޖާގެ މަންމަ އާމިނަތު ލީޒާ އިއްޔެ ބުނީ ނާލް އެކްސިޑެންޓުވީ ނުވަ އަހަރުގެ ދޮށީ އަންހެން ދަރިފުޅާ އެ ކުއްޖާ ހަވާލުކޮށްފައި، ކަސްރަތަށް ދުވަސް ގޮސް އުޅެނިކޮށް ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.