16 ޑިސެމްބަރ 2020 - 19:07

އަންނަ އަހަރު ސްކޫލްތައް ހުޅުވުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ކޮވިޑް-19 ގެ ކަންކަމުގައި ޓެކްނިކަލް ލަފާ ދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އަންނަ އަހަރު ރައްކާތެރިކަމާ އެކު ސްކޫލުތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރަން ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އޭގެ އިތުރު ތަފްސީލް މިނިސްޓްރީން ފަހުން ސްކޫލުތަކާ ހިއްސާކުރާނެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް މާޗު 12 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް ފަހު އަލުން ހުޅުވައި ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. ނަމަވެސް މާލެ ސަރަހައްދުގައި އޭރު ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެކަމަކު މީގެ ދެ މަހެއް ކުރިން ގްރޭޑު 7 އިން މަތީގެ ދަރިވަރުންނަށް ވެސް ކިޔަވައިދީފައިވެ އެވެ. އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް ކިޔަވައިދީފައި ވަނީ އޮންލައިންކޮށެވެ.
މާލެ ފިޔަވައި އެހެން ރަށްރަށުގައި ޖުލައި މަހުން ފެށިގެން، މި މަހު ސްކޫލުތައް ޗުއްޓީ އަށް ދިއުމާ ހަމައަށް ގްރޭޑް 1-12 އަށް ކިޔަވައިދީފައިވެ އެވެ. ކީ ސްޓޭޖްގެ ދަރިވަރުންނަށް ވެސް ދެ ހަފުތާ އަށް ކިޔަވައިދީފައިވެ އެވެ.
ބަލިން ރައްކާތެރިވުމަށް ގިނަ ދުވަހު ސްކޫލުތައް ބަންދުކޮށްފައި އޮތުމާއި އޯ ލެވެލް އިމްތިހާނު ފަސްކުރުމުން އެކަޑެމިކް ކަލަންޑަރަށް ވެސް ބޮޑު ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން، މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު އަންނަ މަހުގެ 10 ގައި، މި އަހަރުގެ ދެ ވަނަ ޓާމު ފަށާނެ އެވެ. މާނައަކީ، ދެ ވަނަ ޓާމު ނިމުމާ ހަމައަށް ދަރިވަރުން ތިބޭނީ އެ ދަރިވަރުން މި ވަގުތު ތިބި ސްކޫލެއްގަ އެވެ.
އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައި ވަނީ އޮގަސްޓް 10 ގަ އެވެ.