17 ޑިސެމްބަރ 2020 - 08:31

ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު ގަނޭޝް އަޗާރިއާ އޭނާގެ ބަރުދަނުން 98 ކިލޯ ލުއިކޮށްފައިވާ ކަމަށް ބުނެފި އެވެ.
އޭނާ މިހެން ބުނީ، ކުރިއަށް އޮތް ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ސޮނީ ޓީވީން ދައްކަން އޮތް "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އެޕިސޯޑްގައި ގަނޭޝް އާއި މަޝްހޫރު ދެ ކޮރިއޮގްރާފަރުން ކަމަށްވާ ގީތާ ކަޕޫރާއި ޓެރެންސް ލުވިސްއާ އެކު ބައިވެރިވަމުންނެވެ.
އެ އެޕިސޯޑްގެ ޕްރޮމޯއެއް އާންމުކޮށްފައިވާ އިރު 98 ކިލޯ ލުއިކުރި ވާހަކަ ގަނޭޝް ބުނުމުން ޝޯގެ ހޯސްޓް ކަޕިލް އެކަމަށް ޖޯކް ވެސް ޖަހަ އެވެ. މިހާރު އުމުރުން 49 އަހަރުގެ ނެށުންތެރިޔާ ބުނި ގޮތުގައި އޭނާ ބަރުދަނުން 98 ކިލޯ ލުއިކުރީ ބަރަދަނުގައި 200 ކިލޯ ހުއްޓަ އެވެ.
އެކަމަށް ޖޯކް ޖަހަމުން، ޝާހްރުކް ޚާނާއި ކާޖޮލްގެ މަޝްހޫރު ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެ ޑައިލޮގަކާ ގުޅުވައިގެން ކަޕިލް ބުނަނީ "ކުދިކުދި ޝަހަރުތަކުގައި 46-46 ކިލޯގެ މީހުން ތިބޭނެ" ކަމަށާއި "ގަނޭޝް ދެ މީހުންގެ ސައިޒް ދުއްވާލައިފި" ކަމަށެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ކޮރިއޮގްރާފަރުންގެ ތެރޭގައި ހިމެނޭ ގަނޭޝް އަކީ އަބަދު ވެސް ވަރަށް ބަރުހެލިކޮށް ހުންނަ ފަންނާނެކެވެ. އޭނާ ބަރުދަނުން 98 ކިލޯ ލުއިކުރީ މި ފަހުން ހިކެން ވަރަށް ހިތްވަރުލާން ފެށި ފަހުންނެވެ.
ގަނޭޝް ވަނީ ބޮލީވުޑްގެ އެތައް ފިލްމެއްގެ ލަވަތަކުގެ ނެށުންތައް ތައްޔާރުކޮށް ދީފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ލަވަތަކުގެ ބައެއް ސްޓެޕްތައް އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވެފައިވެ އެވެ. އޭގެ ތެރެއިން މި ފަހުން ފާހަގަކޮށްލެވުނު ބައެއް ލަވަތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ފިލްމު "ހައުސްފުލް 4" ގެ ލަވަ "ބާލާ" ގެ ނެށުންތަކާއި 2013 ގެ "ރާމް-ލީލާ" ގެ ލަވަ "ތަތަޅު ތަތަޅު" އާއި 2012 ގެ ފިލްމު "އަގްނީޕަތު" ގެ ލަވަ "ޗިކްނީ ޗަމޭލީ" ހިމެނެ އެވެ.
ގަނޭޝް އަށް ނެޝަނަލް އެވޯޑް ލިބުނީ 2013 ގެ ފިލްމު "ބާގް މިލްކާ ބާގް" ގެ ލަވަ "ހަވަން ކަރޭގޭ" އިންނެވެ.