22 ޑިސެމްބަރ 2020 - 20:16

އަދާލަތު ޕާޓީގެ ލީޑާޝިޕްގައި އަންހެނުންނަށް އޮތް ފުރުސަތު ހަނި ނުކުރާނެ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.
އަދާލަތު ޕާޓީން މިހެން ބުނީ އެ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެނެސް، އަންހެނުންނަށް ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ހަދަން އުޅޭ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. އެ މައްސަލާގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް އަދާލަތު ޕާޓީއަށް ފައިސާ ނުދިނުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.
އެ މައްސަލާގައި "މިހާރު"އާ ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ އެ ޕާޓީގެ އަސާސީ ގަވައިދަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް އަދާލަތު ޕާޓީގައި އަންހެނުންނަށް އޮތް ފުރުސަތު ހަނި ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން މިއަރުވަނީ އަދާލަތު ޕާޓީ އިން އަންހެނުންނަށް އޮތް ފުރުސަތު ހަނިވާ ގޮތައް އެއްވެސް ކަމެއް ނުކުރާނެކަން،" ނަޒީރު ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އަންހެނުންނަށް ކުރިމަތި ނުލެވޭ ގޮތަށް އަސާސީ ގަވައިދު އިސްލާހު ކުރަން އުޅޭ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެ ޕާޓީގެ އަސާސީ ގަވައިދުގައި މިހާރު ވެސް އޮންނަނީ އަންހެނުންނަށް އެ މަގާމްތަކަށް ކުރިމަތި ނުލެވޭ ގޮތަށެވެ.
އަދާލަތު ޕާޓީގެ އަސާސީ ގަވައިދުގެ 42 ވަނަ މާއްދާގައި (ޅ) ގައި، ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކުގެ ތެރޭގައި "ފިރިހެނެއް ކަމުގައިވުން" ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި އަދާލަތު ޕާޓީގައި މިހާރަށް ވުރެ ބޮޑަށް އަންހެނުންނަށް ފުރުސަތު ތަނަވަސްވާ ގޮތަށް އެ ޕާޓީގެ އަސާސީ ގަވައިދު ބަދަލު ކުރުމަށް ޕާޓީގެ ބައެއް މެންބަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ޕާޓީގެ ތެރޭގައި އެކަމާ މުޅިން ތާއީދު ނުކުރާ ބައެއް މެންބަރުން ވެސް އެބަތިއްބެވެ.
އަދާލަތު ޕާޓީގެ އަސާސީ ގަވައިދުން ރައީސް އާއި ނައިބުރައީސްއާ ބެހޭ މާއްދާއަށް ބަދަލު ގެންނަ ވާހަކަ ދެކެވޭއިރު އަންނަ އަހަރު ކުރީކޮޅު އެ ދެ މަގާމަށް މީހުން އިންތިހާބުކުރުން ވެސް އޮންނާނެ އެވެ.