ތައްބޫ: ހުނަރުވެރި އެކަމަކު ކާމިޔާބެއް ނޫން
ތައްބޫ: ހުނަރުވެރި އެކަމަކު ކާމިޔާބެއް ނޫން

ހިންދީ ފިލްމު ކުޅޭ ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި އެކްޓަރުންގެ ލިސްޓެއް ނަގާ ނަމަ އެ ލިސްޓުގެ އެންމެ ކުރިން ތައްބޫ އަށް ޖާގަ ލިބުނީހެވެ. މިދިޔަ ހުކުރު ދުވަހު 45 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާ ތައްބޫ ކިތަންމެ ހުނަރުވެރި ނަމަވެސް މިއަދު ވެސް އޭނާ ހުރީ ހަތަރު އަނގޮޅިއެއްގަ އެވެ. ލީޑް ރޯލުކުޅޭ ބަތަލާއިންގެ މަގުން ކަސިޔާރުވަމުން ގޮސް އެންމެ ފަހުން ކެރެކްޓާ އެކްޓަރެސް އަކަށް އޭނާ ވަނީ ބަދަލުވެފަ އެވެ.

ތައްބޫ: ހުނަރުވެރި އެކަމަކު ކާމިޔާބެއް ނޫން
ތައްބޫ: ހުނަރުވެރި އެކަމަކު ކާމިޔާބެއް ނޫން

ތައްބޫގެ ކެރިއަރަށް މިފަދަ ގޮތެއް ދިމާވީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އަށް ރަނގަޅު ފިލްމުތައް ޚިޔާރުކުރަން ނޭނގުމުގެ ސަބަބުންނެވެ.

މީގެ ހެއްކަކަށް ފާއިތުވި ދެތިން އަހަރު އޭނާ ކުޅެފައިވާ ފިލްމުތައް ފުދެ އެވެ. ޖެނުއަރީ 2014 ގައި ރިލީޒްވި ސަލްމާން ޚާންގެ "ޖެއި ހޯ" ގައި އޭނާ ކުޅެފައި ވަނީ ސަލްމާންގެ ދައްތައެއްގެ ބައެވެ. އަދި "ހައިދަރް" އާއި "ފިތޫރު"ގައި އޭނާ ކުޅެފައި ވަނީ އެ ފިލްމުތަކުގެ ލީޑް އެކްޓަރުންގެ މަންމަގެ ބައެވެ. ހަމައެއާ އެކު "ޑްރިޝަމް"ގައި ރަޖަތު ކަޕޫރުގެ އަނބިމީހާގެ ރޯލެވެ.

ފިރިހެނުން ރަސްކަންކުރާ ހިންދީ ފިލްމު އިންޑަސްޓްރީގައި ފިރިހެން އެކްޓަރުންގެ އުމުރުން 40 ނުވަތަ 50 އަހަރު ވާއިރު ވެސް ބަތަލުގެ ބައި ކުޅެމުންދާއިރު ބަތަލާއިންގެ އުމުރުން 40 ވަރަކަށް އަހަރު ވާއިރު އެމީހުންގެ ޒުވާންކަން ގެއްލިގެން ދިޔަ ފަދަ އެވެ. މި އުމުރުގެ ބަތަލާއަކަށް ލީޑް އެކްޓަރެއްގެ ރޯލު ކުޅެން ލިބެނީ ހާލަކުން ފަހަރަކު އެވެ.

ތައްބޫގެ ހުނަރު ބަލައިގަންނަ އަދި އޭނާއާ ވަރަށް ގާތް ޑައިރެކްޓަރަކު ބުނެފައިވާ ގޮތުގައި ތައްބޫގެ ކެރިއަރަށް ވިސްނާލާއިރު އޭނާގެ ކަށްވަޅު ކޮނެފައި ވަނީ އޭނާ އަމިއްލައަށެވެ. މާނަ އަކީ އޭނާގެ ކެރިއަރު ވަޅުޖެހީ އޭނާއަށް ކަންތައް ކުރެވުނު ގޮތުންނެވެ.

ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި ބަތަލާއެއްގެ ހައިސިއްޔަތުން ތައްބޫ ކުޅެން ޚިޔާރުކުރި ރޯލުތަކަކީ ވަރަށް ހިތްވަރުގަދަކޮށް އޭނާ ކުރި ކަމެކެވެ. އެއީ އޭނާގެ އެކްޓްކުރުމުގެ ހުނަރު އެންމެ ފުރިހަމަ ދައްކާލެވޭ ކަހަލަ ރޯލުތަކެކެވެ. ނަމަވެސް އޭނާ ޚިޔާރުކުރި ރޯލުތަކުގެ ސަބަބުން ބޮލީވުޑްގައި ލީޑް އެކްޓަރެއްގެ ރޯލުކުޅުމުގެ ފުރުސަތު ތައްބޫ އަށް މުޅިން ބަންދުވީ އެވެ. ހިންދީ ސިނަމާގައި ރޮމެންޓިކް ބައިތައް ނުކުޅޭ ނަމަ އެ އެކްޓަރަކީ އެއްވަނަ ދަރަޖައިގެ އެކްޓަރުންގެ ގޮތުގައި ނުބެލެވެ އެވެ.

ބޮލީވުޑްގެ ތަރި ކާޖޮލް އަކީ ވެސް ތައްބޫއާ ދާދި އެއް އުމުރެއްގެ ބަތަލާއެކެވެ. ނަމަވެސް ތައްބޫ އަށް ދިމާވި ފަދަ ކަމެއް ދިމާވެދާނެކަން ކާޖޮލް އަށް އޮތީ މާ ކުރިން ވިސްނިފަ އެވެ. ކާޖޮލް ކުޅެނީ މަދު ފިލްމުތަކެއް ނަމަވެސް އޭނާ އެއްވެސް ފިލްމެއްގައި ކެރެކްޓާ ރޯލެއް މިހާތަނަށް ވެސް ނުކުޅެ އެވެ.

އެހެންކަމުން މިހާރު ވެސް ކާޖޮލް ބެލެވެނީ ފިލްމު ކުޅޭ އެއްވަނަ ދަރަޖައިގެ ބަތަލާއިންގެ ލިސްޓުގަ އެވެ. އަދި އޭނާ އަށް މިހާރު އެފަދަ ރޯލުތައް ކުޅެން ވެސް ލިބެ އެވެ. ނަމަވެސް ތައްބޫގެ އާދަޔާޚިލާފު މޮޅު ހުނަރާއެކު ވެސް އޭނާގެ އަތުގައި ގިނަ ފަހަރަށް ކުޅެލާނެ ފިލްމެއް ވެސް ނޯވެ އެވެ.

ތައްބޫގެ ބޮޑުދައިތަ އަދި ކުރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޝަބާނާ އަޒްމީގެ ޚިޔާލު މިކަމުގައި ވަރަށް ތަފާތެވެ. އޭނާ ބުނެފައިވާ ގޮތުގައި ހިޓްސް އާއި ފްލޮޕްސް އަކުން ތައްބޫގެ ކެރިއަރަކަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ. ތައްބޫ އަކީ ވަރަށް ތަފާތު މޮޅު އެކްޓަރެއް ކަމަށާއި ވަރުގަދަ ރޯލުތައް ކުޅޭނެ ބަތަލާ އަކު ހޯދާ މީހަކަށް މިހާރުވެސް ތައްބޫ ވާނި ފުރަތަމަ ޗޮއިސް އަށް ކަމަށް ޝަބާނާ ދެކެ އެވެ. އެހާވެސް ތައްބޫ ހުނަރުވެރިކަމަށް އޭނާގެ ބޮޑުދައިތަ ގަބޫލު ކުރެ އެވެ.

މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޕޫރުވާ އާސްރާނީ ބުނި ގޮތުގައި ސްކްރީނުން ތައްބޫ ފެންނަނީ މަދުން ނަމަވެސް ފެންނަ ކޮންމެ ފަހަރަކު ވެސް ބަލާ މީހުން އަޖައިބުވާ ވަރުގެ މޮޅު ޕާފޯމަންސެއް ދައްކާ ކަމަށެވެ. މިސާލަކަށް އޭނާ ނެގީ "ހައިދަރް" އެވެ. އެ ފިލްމުގެ ވެސް އެންމެ ފާހަގަކުރެވޭ ކެރެކްޓާ އަކީ ތައްބޫގެ ބައި ކަމަށް އަޕޫރުވާ ދެކެ އެވެ.

އޭނާ ބުނި ގޮތުގައި މިހާރު ވެސް ފިލްމު އިންޑަސްޓްރީގައި މަދުން ނަމަވެސް ބަތަލާއިންނަށް ޚާއްސަ ރޯލުތައް ހިމެނޭ ފިލްމުތައް އުފައްދާ މީހުން އެބަތިއްބެވެ. އެގޮތުން ވިޝާލް ބަރްދްވާޖް ވަނީ ތައްބޫ ލައްވާ އެފަދަ ފިލްމުތަކެއް ކުޅުވާފަ އެވެ. އެހެންކަމުން ލިޔުންތެރިން އަދިވެސް ތައްބޫގެ މޮޅު ހުނަރު ދައްކުވައިދޭ ކަހަލަ ފިލްމުތައް ލިޔާނެކަމަށް އޭނާ ޔަގީން ކުރެ އެވެ.

ފިލްމް ކްރިޓިކް ރާޖާ ސެން ބުނި ގޮތުގައި ތައްބޫ ކަހަލަ ހުނަރުވެރިއަކު ކުރާނެ މަސައްކަތެއް ފިލްމު އިންޑަސްޓްރީގައި ނެގުމަކީ ތައްބޫއަށް ލިބޭ ގެއްލުމެއް ނޫނެވެ. މުޅި ފިލްމު އިންޑަސްޓްރީއަށް ލިބޭ ގެއްލުމެކެވެ.