ރެކޯޑް ޓައިމިން އަށް ވުރެ އަވަހަށް ފަތައިފި: އާ ތަރިއެއް!
ރެކޯޑް ޓައިމިން އަށް ވުރެ އަވަހަށް ފަތައިފި: އާ ތަރިއެއް!

ގައުމީ ރެކޯޑަށް ވުރެ އަވަހަށް ހަތަރު އިވެންޓެއްގައި ފަތައި އުމުރުން 16 އަހަރުގައި ރާއްޖޭގެ ގައުމީ ރޭންކިންގެ އެއް ވަނަ މުހައްމަދު އާން ހުސެއިން ހޯދައިފި އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ރާއްޖޭގެ ކުޅިވަރުން އާ ތަރިއެއް އެރުން ކަމަށެވެ.

ދާދި ފަހުން ބޭއްވި ނެޝަނަލް ޓްރަޔަލްސްގައި ގައުމީ ރެކޯޑް ޓައިމިން އަށް ވުރެ އަވަހަށް އާން ފަތާފައިވަނީ 50 މީޓަރު ފްރީސްޓައިލް، 100 މީޓަރު ފްރީސްޓައިލް، 400 މީޓަރު ފްރީސްޓައިލް އަދި 100 ބެކްސްޓްރޯކް އެވެ. އެކަމަކު ގައުމީ ރެކޯޑް ކަމަށް ކަނޑައަޅަނީ އޮޓޮމެޓިކް ޑިވައިސްއަކުން ޓައިމް ބަލާ އިވެންޓްތަކުގައި ފަތާ ފެތުމަށް ކަމަށްވާތީ އާން އަށް ރަސްމީކޮށް ރެކޯޑް ލިބޭކަށް އަދި ނެތެވެ. އެކަމަކު އެ ނަތީޖާތަކާ އޭނާ އަށް ރާއްޖޭގެ ސީނިއާ ފިރިހެން އެއް ވަނަ ފެތުންތެރިޔާގެ ޝަރަފް ލިބުމަކީ ބޮޑު ކާމިޔާބެކެވެ.

"އަނެއްކާ ހަމައެކަނި ރެކޯޑް ޓައިމިން އަށް ވުރެ އަވަސްކުރީކީ ނޫން. ވަރަށް ބޮޑުތަނުން ޓައިމިން އިމްޕްރޫވްކޮށްފައިވަނީ،" މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ އެކަޑަމީގައި އާން އަށް ކޯޗުކޮށްދޭ އަހުމަދު ފިރާސް އަފީފް ބުންޏެވެ.

މީގެ އަށެއްކަ އަހަރު ކުރިން އާން އަށް ފަތަން ދަސްކޮށްދިނީ އޭނާ ފެތުމުގެ ތެރެއަށް ނެރުނީ ފިރާސް އެވެ. ކޯޗުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކަޑަމީގެ ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ބޭސިލް ލެވެލެއް ފުރިހަމަ ކުރަމުން އަންނަނިކޮށް އޭނާ އެފަދަ ކުރިއެރުންތަކެއް ހޯދުމެވެ. އެހެންވެ އެލީޓް ލެވެލްގެ ތަމްރީންތަކާ އެކު އޭނާ އަށް ލިބޭނެ ކުރިއެރުން އަންދާޒާކޮށްލެވެ އެވެ.

"އާއްމުންނަށް އެތުލީޓެއްގެ ފެންވަރު ވަޒަންކޮށްލެވޭނީ މެޑަލް ހޯދަން ފަށާ ހިސާބުން. އެކަމަކު ކޯޗެއްގެ ގޮތުން އަހަންނަށް އެނގޭ މިއީ ޕޮޓެންޝިއަލް ހުރި ކުއްޖެއްކަން،" މިދިޔަ އަހަރު އިންޓަ ސްކޫލް މުބާރާތުން ކަލާފާނު ސްކޫލަށް މެޑަލް ހޯދައިދިން ފެތުންތެރިޔާއާ ބެހޭގޮތުން ފިރާސް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އާންގެ އެންމެ ފާހަގަކުރެވޭ ކަމަކީ ފެތުމުގެ ޓެކްނީކްސް މަތީ ފެންވަރަކަށް ހުރުން ކަމަށެވެ. ރާއްޖޭގެ ފެތުންތެރިންނާ ބައިނަލްއަގްވާމީ ކާމިޔާބާ ދެމެދު އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ޓެކްނީކްސް ނެތުމެވެ. އެހެންވެ އެ ފެންވަރު ހުރި ފެތުންތެރިޔަކު ރާއްޖޭން ބޭރަށް އަވަހަށް ތަމްރީނަށް ފޮނުވާލުން މުހިއްމު ކަމަށް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ.

އެކަމަކު ފިރާސްގެ ހިޔާލު ތަފާތެވެ. އަންނަ އަހަރު އޯ ލެވެލް އިމްތިހާނުގައި އިށީންނަން ތައްޔާރުވެފައި ވަނިކޮށް ކިޔެވުމާ ވަކިކޮށް ތަމްރީނަށް މި ވަގުތު އޭނާ ބޭރަށް ފޮނުވާލަން ފިރާސް ލަފައެއް ނުދެ އެވެ. ފިރާސް ބުނި ގޮތުގައި ކިޔެވުމާ އެއްކޮށް ފޮނުވަން ބެލިޔަސް ފަހަކަށް އައިސް އެ އުމުރުގެ ކުދިންނަށް ކުރެވުނު ތަޖުރިބާ އެހާ ރަނގަޅު ނޫން ކަމަށެވެ.

"ރާއްޖޭގެ ސަގާފަތަކީ އަވަހަށް ބޭރަށް ފޮނުވާލުން. އެކަމަކު އަހަރަކަށް ވުރެ އަވަހަށް ޓްރެއިނިން ލޯޑު ބޮޑުކުރަމުން ގޮސް މި ތަނުގައި އަދި ދެ އަހަރެއްހާ ދުވަހު ތަމްރީން ހެދިޔަސް ކުރިއެރުން އަންނާނެ،" ކަލާފާނު ސްކޫލުގެ ގޭމްސް ކެޕްޓަންއާ ބެހޭގޮތުން ފިރާސް ބުންޏެވެ.

"ކެތްތެރިވަން ޖެހޭ. ހަމަ ގައިމު ވެސް އާންގެ ކިބައިގައި އެ ކެތްތެރިކަން އެބަހުރި."

އާންއާ މެދު އެންމެ އުއްމީދީ ވާހަކައެއް ދެއްކީ ރާއްޖޭގެ ކުރީގެ އެއް މެރެތަން ދުވުންތެރިޔާ އަދި ސްޕޯޓްސް ސައިސުން ޕީއެޗްޑީ ހާސިލްކޮށްފައިވާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އެވެ. އޭނާ "މިހާރު" އަށް ބުނީ އާން އަކީ ދިވެހި ކުޅިވަރަށް ލިބުނު ޖަވާހިރެއް ކަމަށާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި ހަސަން ސާއިދު ފަދަ ނާދިރު ހުނަރަކަށް އޭނާ ވާނެ ކަމަށެވެ.

"ދެ އަހަރެއްވެއްޖެ މި އެތުލީޓް އަޅުގަނޑުގެ ލޮލުގައި އަޅައިގަތްފަހުން. އޭނާގެ ހުނަރުވެރިކަން ޔަގީންވީ މިދިޔަ ވީކެންޑް ޓްރަޔަލްސްގައި ފެތިތަން ފެނުމުން. އެ ވަރަށް ފަތާ ކުއްޖެއް ފެނޭތޯ ބަލާތާ އެތައް ދުވަހެއް ވެއްޖެ،" ދަރިފުޅު ގޮވައިގެން ފަތާ ޓްރެކަކަށް ގަވާއިދުންދާ ކުޑަހުސެން ބުންޏެވެ.

ހުސެން ބުނި ގޮތުގައި އާންގެ ހުރީ ދުނިޔޭގެ ފެންވަރުގެ އެތުލީޓަކަށް ވެވިދާނެ ފަދަ ބޮޑީ ޓައިޕެއް ކަމަށާއި އޭނާގެ މޯޓިވޭޝަން ވެސް ހުރީ ވަރަށް މަތީގައި ކަމަށެވެ. އަދި އާންގެ ބެލެނެވެރިން އޭނާ ކުރިއެރުމަށް މަސައްކަތްކުރާ ކަމަށާއި އެކަޑަމީގެ ކޯޗުން ކަމަށްވާ ފިރާސް އާއި މުހައްމަދު ޒާހިދު މެކްސިމަމް ދެމުން އަންނަ ކަމަށެވެ.

"ދަގަނޑޭއެއް އަންނާނީ ވަރަށް މަދުންތާ؟ މިއީ އެފަދަ ކުއްޖެއް،" ހުސެން ބުންޏެވެ. "އޭނާގެ ވިސްނުން މިހާރު ވެސް ހުރީ އޮލިމްޕިކްސް އަށް ދިއުމަށް."

އާންގެ ކޯޗު ފިރާސް ބުނި ގޮތުގައި ދަގަނޑޭ އާއި ސާއިދުއާ އެއް ނޭވާއެއްގައި އާންގެ ނަން ކިޔޭނީ އެ އެތުލީޓުން ހޯދި ފަދަ ކާމިޔާބީތަކެއް ހޯދައިގެން ކަމަށާއި އާން އަކީ އެ ފެންވަރަށް ދެވިދާނެ ފެތުންތެރިއެއް ކަމަށެވެ.

"މި ވަގުތު މުހިއްމީ ހިތްތިރިކަމާ އެކު އެ ހިސާބަށް ދިއުމަށް މަސައްކަތްކުރުން،" ފިރާސް ބުންޏެވެ.