އިޓަލީގައި ކޮވިޑް-19 ވެކްސިން ދޭން ރީތި ޕެވިލިއަންތަކެއް
އިޓަލީގައި ކޮވިޑް-19 ވެކްސިން ދޭން ރީތި ޕެވިލިއަންތަކެއް

އިޓަލީގައި އަންނަ މަހު ކޮވިޑް-19 ގެ ވެކްސިން ދޭން ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު އެކަމަށް ހާއްސަކޮށްގެން އެކި ހިސާބުތަކުގައި ރީތި ޕެވިލިއަންތަކެއް ބަހައްޓާ ގޮތަށް ނިންމައިފި އެވެ.

ވަށްބުރަކަށް ފަރުމާކޮށްފައިވާ މި ޕެވިލިންތައް ބޭރުން ހުދު ކުލައިގައި ފެންނަން ހުންނަ އިރު، މަތީގައި ގަދަ ފިޔާތޮށި ކުލައިގެ މަލެއް އިންނާނެ އެވެ. ޕެވީލިއަންތަކުގެ އިންޓިރިއާ ހަދާފައި ހުންނާނީ ލަކުނޑިންނެވެ.

މި ޕެވިލިއަންތައް އިޓަލީގެ މަޝްހޫރު އާކިޓެކްޓް ސްޓެފާނޯ ބޮއޭރީ އާއި އޭނާގެ ޓީމުން ފަރުމާކޮށްފައިވާ އިރު އިޓަލީގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 1،500 ޕެވިލިއަން ބަހައްޓާނެ އެވެ. ކޮވިޑް-19 ގެ ވެކްސިން ދޭން ވަގުތީ ގޮތުން ބަހައްޓާ ޕެވިލިއަންތަކުގެ މަސައްކަތްކޮށްފައި ވަނީ ސްޓެފާނޯގެ ޓީމާއި ސިއްހީ ދާއިރާގެ ކޮންސަލްޓަންޓުންގެ ލަފާގެ ވެސް މަތިންނެވެ.

އެގޮތުން މި ޕެވިލިއަންތަކުން ރަމްޒުކޮށްދޭނެ ކަމަކީ ޖީލު އަލުން ބިނާކުރުން ކަމަށް ބުންޏެވެ.

"ހަމަޖެހުމާއި އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާން އުޅޭކަމުގެ ނިޝާންތައް މި ޕެވިލިއަންތަކުން ސިފަކޮށްދޭނީ،" ސްޓެފާނޯ ވިދާޅުވި އެވެ. "އެގޮތުން ބޮޑު ބަލިމަޑުކަމަކަށް ވެކްސިނެއް ހޯދި އެ ވެކްސިން ރައްޔިތުންނަށް ދޭން ފެށުމަކީ އާ ދިރުމެއް ލިބުން ކަހަލަ ކަމެއް."

އޭނާ ވިދާޅުވި ގޮތުގައި އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ ކެމްޕޭން ޕެވިލިއަންތަކުގައި ކުރިއަށް ގެންދަން ނިންމި އެއް ސަބަބަކީ ހޮސްޕިޓަލްތަކާއި އެ ނޫން ވެސް އެފަދަ ފެސިލިޓީތަކުގައި މިކަން ކުރާ ނަމަ އެއީ އަނެއްކާ ވެސް ހާސްކަމާއި އުދާސްތައް ރައްޔިތުންގެ މެދުގައި އުފެދިގެން ދާނެ ކަމަކަށް ވާނެ އެވެ.

"އެހެންވެ ހުޅުވިފައިވާ އާންމު ސަރަހައްދުތަކުގައ ބަހައްޓާ ޕެވިލިއަންތަކުގައި ވެކްސިން ދިނުން ވެގެން ދާނީ ގިނަ ބަޔަކަށް ހިތްހަމަޖެހުން ގެނުވައިދޭނެ ކަމަކަށް،" ސްޓެފާނޯ ވިދާޅުވި އެވެ. "މި ޕެވިލިންތަކުގެ އެތެރޭން އުފާވެރިކަމާއި ހިތްހަމަޖެހުން އިހުސާސްކުރެވޭނެ. އެހެންވީމަ ވެކްސިން ޖަހާ ވަގުތަކީ ކޮންމެ މީހަކަށް ވެސް އުފާވެރިކަމާއި މޫނުމައްޗަށް ހިނިތުންވުން އަންނަ ކަމަކަށް ވާން ޖެހޭ."

މި ޕްރޮޖެކްޓްގައި ސްޓެފާނޯ އާއި އޭނާގެ ޓިމް މަސައްކަތް ކުރަނީ ހިލޭ ސާބަހަށެވެ.

އިޓަލީ އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އެއް ގައުމެވެ. އެ ގައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 66،703 އަށް ވުރެ ގިނަ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު 1.87 މިލިއަނަށް ވުރެ ގިނަ އެވެ.