ޓްރަމްޕުގެ އަރިސް ބޭފުޅެއްގެ ރުހުން ބައިޑަން އަށް
ޓްރަމްޕުގެ އަރިސް ބޭފުޅެއްގެ ރުހުން ބައިޑަން އަށް

ވޮޝިންޓަން (ޑިސެމްބަރު 16) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ އިސް މެންބަރު އަދި ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޯނެލް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން އަށް މަރުހަބާ ވިދާޅުވެ އެމަނިކުފާނަށް ރުހޭކަން ހާމަކުރައްވައިފި އެވެ.

ބައިޑަން އަށް މެކްކޯނެލް މަރުހަބާ ވިދާޅުވެފައި މި ވަނީ ޓްރަމްޕުގެ މައްޗަށް ހޯއްދެވި ކާމިޔާބީ އިލެކްޓޯރަލް ކޮލެޖުން ރަސްމީކޮށް އިއުލާންކުރުމާ އެކު އެވެ. ޑިމޮކްރެޓިކް ކެންޑިޑޭޓް ބައިޑަން އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓާ އެކު އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ. އެކަމަކު ވެސް ޓްރަމްޕް ގެންދަވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ.

ރިޕަބްލިކަން ޕާޓީން މިހާރު ކޮންޓްރޯލް ކުރާ ސެނެޓާ އެކު ގުޅުން ރަނގަޅު ކުރުމަކީ ބައިޑަންގެ ރިޔާސީ ދައުރުގައި މުހިންމު ކަމެކެވެ.

ސެނެޓުގައި ވާހަކަ ދައްކަވަމުން މެކްކޯނެލް ވިދާޅުވީ ނޮވެމްބަރު 3 ގެ އިންތިޚާބުން އޭނާ އުއްމީދު ކުރެއްވީ ތަފާތު ނަތީޖާއަކަށް ކަމަށެވެ. ނަމަވެސް އިލެކްޓޯރަލް ކޮލެޖުން ވަނީ ބަސް އިއްވާފައި ކަމަށާއި އެހެންވެ އޭނާ ބައިޑަން އަށް މަރުހަބާ ވިދާޅުވާ ކަމަށް ވިދާޅުވި އެވެ. ރަނިން މޭޓް ކަމަލާ ހަރިސް އަށް ތައުރީފް ކުރައްވަމުން މެކްކޯނެލް ވިދާޅުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ނައިބް ރައީސަކު ލިބުމަކީ އެމެރިކާގެ އެންމެހާ ރައްޔިތުން ފަޚުރުވެރިވާން ޖެހޭނެ ކަމެއް ކަމަށެވެ.

ބައިޑަން ފަހުން ވަނީ މެކްކޯނެލް އަށް ގުޅުއްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

އިލެކްޓޯރަލް ކޮލެޖް ވޯޓުން ބައިޑަންގެ ކާމިޔާބީ ޔަގީންކުރުމާ އެކު ވަނީ ކުރިން އެމަނިކުފާނަށް މަރުހަބާ ވިދާޅުނުވާ ދުނިޔޭގެ ތިން ލީޑަރަކު ވެސް މަރުހަބާ ވިދާޅުވެފަ އެވެ. އެއީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނަރޯ އާއި މެކްސިކޯގެ އަންދުރޭސް މެނުއަލް ލޮޕޭޒް އެވެ.