އެމެރިކާގައި މޮޑާނާގެ ވެކްސިނަށް ހުއްދަ ދެނީ
އެމެރިކާގައި މޮޑާނާގެ ވެކްސިނަށް ހުއްދަ ދެނީ

ވޮޝިންޓަން (ޑިސެމްބަރު 16) - ކޮރޯނާވައިރަހަށް އެމެރިކާގެ މޮޑަނާ ކުންފުނިން އުފެއްދި ވެކްސިން އިން 94 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

އެހެންވެ މޮޑާނާގެ ވެކްސިނަށް ހުއްދަ ދޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފަ އެވެ. މިއީ އެމެރިކާގައި، ކޮވިޑް-19 އަށް ހުއްދަ ދޭ ދެ ވަނަ ވެކްސިނެވެ. އެންމެ ފުރަތަމަ ހުއްދަ ދީފައި ވަނީ ފައިޒާ އާއި ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިނަށެވެ. އެމެރިކާގައި މިހާރު ވަނީ އެ ވެކްސިން ދޭން ފަށައިފަ އެވެ.

ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ނެރުނު 54 ސަފުހާގެ ލިޔުމުގައި ބުނެފައި ވަނީ މޮޑާނާގެ ވެކްސިންގައި ކަންބޮޑުވާން ޖެހޭފަދަ ކަމެއް ނެތް ކަމަށެވެ. މި ހަފުތާގެ ފަހުކޮޅު މޮޑާނާގެ ވެކްސިނަށް އެފްޑީއޭ އިން ހުއްދަދީފި ނަމަ 24 ގަޑިއިރު ތެރޭ ވެކްސިން ސަޕްލައި ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެފްޑީއޭ އިން ހާމަކުރި ލިޔުމުގައި ބުނެފައި ވަނީ އަޖުމަ ބެލުމުގައި ބޭނުންކުރި 30،000 މީހުންގެ ތެރޭން ވެކްސިންގެ ކާމިޔާބު ރޭޓަކީ 94.1 ޕަސެންޓް ކަމަށެވެ. އެންމެ އާއްމު ސައިޑް އިފެކްޓްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން އަދި މަސްގަނޑަށާއި ހުޅުތަކުގައި ރިއްސުން ހިމެނެ އެވެ.

މޮޑާނާގެ ވެކްސިންގެ ޓްރަޔަލްގައި ބޭނުންކުރި 30،000 މީހުންގެ ތެރޭގައި ހައި ރިސްކް މީހުން ވެސް ހިމެނެ އެވެ. ޓްރަޔަލްގައި ވަނީ 15،000 މީހުންނަށް އަސްލު ވެކްސިން އަދި ބާކީ ތިބި މީހުންނަށް އަސްލު ނޫން ވެކްސިން ދީފަ އެވެ. ޓްރަޔަލްގައި ސީރިއަސް އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެ އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި މޮޑާނާ ކުންފުނީގެ އެއްވެސް އުފެއްދުމަކަށް އެފްޑީއޭ އިން މިހާތަނަށް ހުއްދަ ދީފައެއް ނުވެ އެވެ.

މޮޑާނާގެ ވެކްސިން ތައްޔާރުކޮށްފައި ވަނީ މިހާތަނަށް އަދި ވެކްސިނެއް އުފައްދާފައި ނުވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. ވެކްސިންގެ މައިގަނޑަކީ ކޮރޯނާވައިރަސްގެ ޖެނެޓިކްގެ ބައެއް ކަމަށްވާ އެމް-އާރުއެންއޭ އެވެ. ޓްރަޔަލްގައި ބޭނުންކުރި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުމުން އެ ނަގައި، ލެބޯރަޓަރީގައި ޓެސްޓް ހެދީ، ކޮރޯނާވައިރަސްގެ ސަބަބުން އިންފެކްޓްވެފައި ހުރި ސެލްތަކެއް ބޭނުންކޮށްގެންނެވެ. ނަތީޖާ ދެއްކީ ވައިރަސް އިތުރުވުން ހުއްޓުވާ ކަމެވެ. ވައިރަސްގެ ނުރައްކާ ބޮޑުވަނީ ހަށިގަނޑު ތެރެއަށް ވަދެ ސެލްތައް ބޭނުންކޮށްގެން ގިނަވެގަންނާތީ އެވެ. ވެކްސިނެއް ކާމިޔާބުވާނީ ވައިރަސްގެ އެ ގިނަވުން ހުއްޓުވައިދޭ ނަމަ އެވެ.

މޮޑާނާ އިން ބޭނުންކުރާ ޓެކްނޮލޮޖީގައި މިހާތަނަށް އެއްވެސް ވެކްސިނެއް ތައްޔާރުކޮށް އިންސާނުންނާ ހަމައަކަށް ނާދެ އެވެ. އާންމުކޮށް ވެކްސިން ހަދަނީ އަސްލު ވައިރަސް ބޭނުންކޮށްގެންނެވެ. އެކަމަކު ވައިރަސްގެ ޖެނެޓިކް މެޓީރިއަލްސް ހިމަނައިގެން ވެކްސިނެއް އުފެއްދިއްޖެ ނަމަ އެއީ ގިނަ އަދަދަކަށް ތައްޔާރުކުރަން ވެސް ފަސޭހަވާނެ އީޖާދެކެވެ.

މޮޑާނާގެ ވެކްސިން ރައްކާތެރިކަމާ އެކު ގެންގުޅެވޭނީ 20-ޑިގްރީ ސެލްސިއަސްގަ އެވެ. ފައިޒާގެ ވެކްސިން ގެންގުޅެވޭނީ 75- ޑިގްރީ ސެލްސިއަސްގަ އެވެ.

މޮޑާނާގެ ވެކްސިންގެ ވެސް ދެ ޑޯޒް ދޭން ޖެހެ އެވެ. ދެ ވަނަ ޑޯޒް ދޭނީ 28 ދުވަސް ފަހުންނެވެ.

މޮޑާނާ އިން ބުނެފައި ވަނީ ހުއްދަ ލިބުމާ އެކު ވެކްސިން އުފައްދާނީ އެމެރިކާގެ މެސަޗޫސެޓްސްގެ ކެމްބްރިޖުގައި ހުންނަ މޮޑާނާގެ މައި މަރުކަޒުން ކަމަށެވެ. ފައިޒާގެ ވެކްސިން އެކި ގައުމުތަކުގައި އުފައްދަ އެވެ. އޭގެ ތެރޭގައި ޖަރުމަން އަދި ބެލްޖިއަމް ހިމެނެ އެވެ. މޮޑާނާ އިން ބުނެފައި ވަނީ އަމާޒަކީ އަންނަ އަހަރު މުޅި ދުނިޔޭގައި ބޭނުން ކުރުމަށް އެއް ބިލިއަން ޑޯޒް އުފެއްދުން ކަމަށެވެ.

އެމެރިކާ އިން ވަނީ މޮޑާނާގެ ވެކްސިންގެ 200 މިލިއަން ޑޯޒް ގަންނަން އެއްބަސްވެފަ އެވެ. އެފްޑީއޭ އިން ހުއްދަ ލިބުމާ އެކު ހަ މިލިއަން ޑޯޒް ފޯރުކޮށްދެވޭނެ ކަމަށްވެ އެވެ. ކެނެޑާ އިން ވަނީ 56 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ. އަދި މި މަސް ނިމުމުގެ ކުރިން 168،000 ޑޯޒް ލިބޭނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފަ އެވެ.

މޮޑާނާގެ ވެކްސިންގެ ހަތް މިލިއަން ޑޯޒަށް އިނގިރޭސިވިލާތުން ވެސް ވަނީ އޯޑަރުދީފަ އެވެ. ޔޫރަޕިއަން ޔޫނިއަން އިން ވަނީ 80 މިލިއަން ޑޯޒް ގަތުމަށް އެއްބަސްވެފަ އެވެ. ޖަޕާނުން 50 މިލިއަން ޑޯޒް އަދި ސައުތު ކޮރެއާ އިން 20 މިލިއަން ޑޯޒް ގަންނަން ވަނީ އޯޑަރުދީފަ އެވެ. ސްވިޒަލެންޑުން ވެސް 7.5 މިލިއަން ޑޯޒް ގަންނާނެ އެވެ.