ޓްވިޓާގެ "ޕެރިސްކޯޕް" ހުއްޓާލަނީ
ޓްވިޓާގެ "ޕެރިސްކޯޕް" ހުއްޓާލަނީ

މީގެ ފަސް އަހަރު ކުރިން ފެށިގެން ޓްވިޓާގެ ދަށުން ހިންގަމުން އަންނަ ވީޑިއޯ ސްޓްރީމިން އެޕް "ޕެރިސްކޯޕް" އަންނަ އަހަރު ހުއްޓާލަން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ނެރުނު ބަޔާނެއްގައި ބުނީ އެ އެޕް ހުއްޓާލަން ނިންމާފައި ވަނީ މާޗް 31، 2021 އިން ފެށިގެން ކަމަށެވެ. އޭގެ ފަހުން އެ އެޕް ޑައުންލޯޑެއް ވެސް ނުކުރެވޭނެ އެވެ.

ޓްވިޓާ އިން ބުނީ ޕެރިސްކޯޕް ކުރިއަށް ނުގެންދަން ނިންމި މައިގަނޑު އެއް ސަބަބަކީ އެ ބޭނުންކުރާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާ އިރު، އެއަށް ކުރަންޖެހޭ ހަރަދު ވެސް ބޮޑުވަމުން ދިއުމެވެ. އެހެންވެ މި ސަބަބުތަކާ ހެދި ޕެރިސްކޯޕް ކުރިއަށް ގެންދިއުމަކީ ދެމަހެއްޓެނިވި ކަމެއް ނޫން ކަމަށް ބުންޏެވެ.

މާޗް 26، 2015 ގައި އާންމުކުރި ޕެރިސްކޯޕް ހުއްޓާލައި ޓްވިޓާގެ ލައިވް ފީޗާގެ ތެރެއަށް ލައިވް ސްޓްރީމިން ފީޗާ ގެނެސް ވަރުގަދަ ކުރަން ވަނީ ނިންމައިފަ އެވެ.

ޓްވިޓާ އިން ބުނީ ޕެރިސްކޯޕް ބަންދުކުރަން ނިންމާފައިވާ ސުންގަޑީގެ ކުރިން އޭގައި ހުރި ކަސްޓަމަރުންގެ ވީޑިއޯތައް ޑައުންލޯޑްކޮށް އާކައިވްކުރޭވެ ކަމަށެވެ.