ފުރަތަމަ ދެ މެޗު މިސްކިތްމަގާއި ޕޮލިހަށް
ފުރަތަމަ ދެ މެޗު މިސްކިތްމަގާއި ޕޮލިހަށް

އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ ލީގުގެ ފުރަތަމަ ދެ މެޗު ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމާއި ޕޮލިސް ކްލަބް ކާމިޔާބުކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު މިސްކިތްމަގު ކާމިޔާބުކުރީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް މިސްކިތްމަގު ގެންދިޔައީ 25-22، 25-17 އަދި 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިސްކިތްމަގު ޓީމުގެ ޕްރަތީބާ މާލީ އެވެ.

ރޭ ކުޅުނު ދެ ވަނަ މެޗު ޕޮލިހުން ކާމިޔާބުކުރީ އިހަވަންދޫ ކްލަބް ޕޯލް ސްޓާ އަތުން 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު ފަސޭހަކަމާ އެކު 25-11 އިން ޕޮލިސް ކާމިޔާބުކުރި ނަމަވެސް ޕޯލް ސްޓާ ވަނީ ދެ ވަނަ ސެޓު 22-25 އިން ކާމިޔާބުކޮށްފަ އެވެ. ޕޮލިސް މޮޅުވީ އަނެއް ދެ ސެޓު 25-18 އަދި 25-13 އިން ކާމިޔާބުކޮށްގެންނެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ އިންޓޯޝް ބްރޭނާ އެވެ.

އަންހެން ޑިވިޝަންގައި މި ހަތަރު ކްލަބްގެ އިތުރުން ދެން ވާދަކުރަނީ ފިސްޑާ އެވެ. ފިރިހެން ޑިވިޝަންގައި ޖުމްލަ ހަ ކްލަބް ވާދަކުރެ އެވެ. އެއީ ސްޕޯޓްސް ކްލަބް ސިޓީ، ޕޮލިސް ކްލަބް، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ގުޑީސް ސްޕޯޓްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް އަދި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބެވެ.

ފިރިހެން ޑިވިޝަންގެ ފުރަތަމަ ތިން މެޗު މިއަދު އޮންނާނެ އެވެ. ފުރަތަމަ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ސްޓެލްކޯ ބައްދަލުކުރާނީ ގުޑީސްއާ އެވެ. މިރޭ ކުޅޭ މެޗުގައި ސިފައިން ބައްދަލުކުރާނީ މޯލްޑިވިއަންއާ އެވެ.