16 ޑިސެމްބަރ 2020 - 12:36

ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު އެކެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "މަސް ޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އުޅުނު ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. ދެން ތިބި ހަ މީހުންގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.
އޭގެ ތެރޭގައި، މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ބެލެވޭ ދެ މީހުންގެ ތެރެއިން ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިސާމް ހިމެނެ އެވެ. އެ މައްސަލައިގައި ދެން އިސްކޮށް އުޅެނީ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އެވެ.
އެނގިފައިވާ ގޮތުގައި، މަސް ޖަރީ އަކީ ވިސާމްގެ އާއިލާ މީހެއްގެ ދޯންޏެކެވެ. ފުލުހުން ވަނީ މާލޭގައި އޭނާ ދިރިއުޅެމުން އަންނަ އެޕާޓްމަންޓު ވެސް ފާސްކޮށްފަ އެވެ. ވިސާމް އުޅެމުން ދަނީ ވެސް ވަރަށް މުއްސަނދި ދިރިއުޅުމެއް ކަމަށް، އެކަމާ ގުޅޭ މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.
ވިސާމްގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދިނީ ފަސް ދުވަހެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަވުމުން ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހަތް ދުވަސް ދީފަ އެވެ. އަންނަ އާދިއްތަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނެ އެވެ.
ކ. މާލެ، ހ. ގާޑަންބިއުޓީ، މުހައްމަދު އަކްރަމާއި ކ. މާލެ، މއ. ކަނޑޫގެ، އަލީ އަހުމަދުގެ ބަންދަށް ކޯޓުން 15 ދުވަސް ދީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވެ އެވެ. އެ މީހުންގެ އިތުރުން ރ. އިނގުރައިދޫ، އެލެސްކާ، އަބްދުﷲ ވިޝާމްގެ ބަންދަށް ވެސް 15 ދުވަސް އިތުރުކޮށްފައި ވެ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ގަ އެވެ.
މިދިޔަ ހަފުތާގައި އެ މަސްތުވާތަކެތި އަތުލައިގަތީ، އެ އެއްޗެހި މާލެއަށް ބާލައި ކާރަށް އަރުވައިގެން ދުއްވަމުން ދަނިކޮށް ފަރީދީމަގުންނެވެ. މަސްތުވާތަކެތި ހުރީ ދެ ސޫޓްކޭހާއި ދެ ގޯނީގަ އެވެ. ސޫޓް ކޭސްތަކުން ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، ކާރުތެެރެއިން އަތުލައިގަތް މަސްތުވާތަކެތި އަޅާފައި ހުރީ ގޯންޏަށެވެ.