17 ޑިސެމްބަރ 2020 - 08:33

އެކްޓަރު ސައިފް އަލީ ޚާން ސޮއިކޮށްފައި އޮތް ފިލްމު "އާދިޕުރުޝް" ގައި އޭނާ ކުޅެން ހަމަޖެހިފައިވާ ވިލަންގެ ކެރެކްޓާ ރާވަން އަކީ އިންސާނީވަންތަ ކެރެކްޓާއެއް ކަމަށް ބުނުމަކީ ހިންދޫ ދީނުގެ މީހުންނަށް ކުރި ފުރައްސާރައެއް ކަމަށް ބުނެ އޭނާގެ މައްސަލަ ބަލައިދޭން އެދި އުއްތަރު ޕްރަދޭޝްގެ ކޯޓަކަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ އުއްތަރު ޕްރަދޭޝްގެ ޖަނަޕޫރް ޑިސްޓްރިކްޓްގެ ކޯޓަށް ހުށަހެޅީ ސިވިލް ކޯޓްގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ހިމާންޝޫ ސްރިވާސްތާވް އެވެ. އޭނާ ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފައިވާ އިރު، މައްސަލައިގެ އިބުތިދާއީ އަޑުއެހުން މި މަހުގެ 23 އަށް އަށް ވަނީ ތާވަލުކޮށްފަ އެވެ.
ރާވަން ކެރެކްޓާއާ ބެހޭ ގޮތުން ސައިފް ދެއްކި ވާހަކަތަކާ ގުޅިގެން ހިންދޫ ދީނުގެ ބައެއް މީހުން ނުރުހުން ފާޅުކުރުމުން އޭނާ މިދިޔަ ހަފުތާގައި މައާފަށް ވެސް އެދިފައިވެ އެވެ.
ސައިފް ބުނި ގޮތުގައި ރާވަން އަކީ ވަރަށް ރަނގަޅު ޝަހުސިއްޔަތެއްގެ ގޮތުގައި އޭނާ ސިފަކުރީ އެއްވެސް ހާލެއްގައި އެއްވެސް ބައެއްގެ އިހުސާސްތަކަށް އަރައިގަތުމުގެ ނިޔަތުގައި ނޫން ކަމަށާއ އޭނާގެ މައިގަނޑު ވާހަކަ އަކީ ކާމިޔާބީތަކެއްގެ ވާހަކަ ކަމަށެވެ. އަދި އެވާހަކައާ ހެދި ބަޔަކަށް ހިތްދަތިކަމެއް ލިބިފައިވާ ނަމަ މާފަށް އެދޭ ކަމަށް ބުންޏެވެ.
ހިންދޫން ކިޔައިއުޅޭ ދީނީ ތާރީހީ ވާހަކައެއްގެ ތެރެއިން އަންނަ ލޯޑް ރާމް އާއި ވަރަށް ނުބައި މީހެއްގެ ގޮތުގައި ސިފަކުރާ ރާވަންގެ އިތުރުން ސީތާ އަކީ ހިންދޫން ވަރަށް މަތީ ދަރަޖައަކަށް ލޯބިކުރާ ޝަހުސިއްޔަތުތަކެކެވެ.
"އާދިޕުރުޝް" ގައި މި ތިން ކެރެކްޓާ ދައްކުވައިދޭ އިރު ރާމްގެ ރޯލު ފިލްމުގައި ކުޅޭނީ "ބާހްބަލީ" ކުޅެގެން މަޝްހޫރުވި ޕްރަބާސް އެވެ. އަދި ސީތާގެ ރޯލް ކުޅޭނެ ކަމަށް ބެލެވެނީ ކްރިތީ ސެނަން އެވެ. އަންނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމަކީ މި އަހަރު އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގެ ވޮރިއާ" ގެނެސްދިން އޯމް ރައުތު ޑައިރެކްޓްކުރާ ފިލްމެކެވެ.
"އާދިޕުރުޝް" ސިނަމާތަކަށް ގެންނާނީ އޮގަސްޓް 11، 2022 ގަ އެވެ.