ވެކްސިނާ އެކު ޓޫރިސްޓުންނަށް އިތުރު ލުއިތައް ލިބޭނެ: މައުސޫމް
ވެކްސިނާ އެކު ޓޫރިސްޓުންނަށް އިތުރު ލުއިތައް ލިބޭނެ: މައުސޫމް

ރާއްޖެ އަށް މިހާރު ޓޫރިސްޓުން އައުމުގައި އަމަލުކުރާ ގޮތްތަކަށް ވެކްސިނަށް ފަހު ލުއި ގޮތްތަކެއް ގެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ މަޝްހޫރު ޓީވީ ޗެނަލް، ސީއެންބީސީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައުސޫމު ވިދާޅުވީ، ޖުލައި މަހު ބޯޑަރު ހުޅުވައިލައިގެން ކުރިއަށްދާ އިރު ޓޫރިސްޓުންގެ މަގްބޫލުކަން ވަރަށް ބޮޑަށް އިތުރުވެ، ރާއްޖެއަށް އަންނަ މީހުންގެ އަދަދު އިތުރުވާން ފަށައިފައިވާ ކަމަށެވެ. މިއަހަރު ޓޫރިޒަމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް އަންނަ އަހަރަކީ ޓޫރިޒަމްގައި ރަނގަޅު އަހަރަކަށް ވެގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާ ފުނޑިގެންދިޔައީ ކޮވިޑާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް ރާއްޖެއިން މިވަނީ ގައުމުގެ އެތެރޭގެ ކޮވިޑްގެ ހާލަތު ރަނގަޅުކޮށް ޖުލައި މަހު ބޯޑަރު ހުޅުވައިލައިފަ އެވެ.

"އުންމީދު ކުރަނީ ދަތުރުފަތުރުގައި ހުރި ހުރަސްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ލުއިތަކެއް އައިސް، ގައުމުތަކަށް ދަތުރުފަތުރު ކުރުން އާންމު ހާލަތަކަށް އައުން،" އޭނާ ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމްގެ 75 ޕަސެންޓް ހިދުމަތްދޭ ތަންތަން ހުޅުވައިފައިވާ ކަމަށާއި ހިދުމަތްތައް ދިނުމުގައި ވީހާ ވެސް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތްތައް ގެންގުޅުމަށް އިސް ކަމެއް ދެއްވާ ކަމަށެވެ. ޓޫރިޒަމް ދާއިރާ ފުޅާ ކުރުމުގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ވާނެ ގޮތަކަށް ކުރިއަށް ދާން އިސްކަން ދެއްވާ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖެ އަށް އަންނަ ޓޫރިސްޓުން އޮކްޓޫބަރު މަހުން ފެށިގެން އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ބޯޑަރު ހުޅުވައިލި ފަހުން އެއް ލައްކަ ޓޫރިސްޓުން މިދިޔަ ހަފްތާގައި ވަނީ ހަމަވެފައި އެވެ. މިހަފްތާގައި ޓޫރިސްޓުންގެ އަދަދު ފަސް ލައްކައަށް އަރާނެ ކަމަށް ބެލެވެ އެވެ. މިއަހަރުގެ ޕީކް ސީޒަންގައި ވެސް ޓޫރިޒަމަށް ހުޅުވައިލި ގިނަ ރިސޯޓުތައް ވަނީ ފުލްވެފަ އެވެ.

މިއީ އަންނަ އަހަރަށް އޮތް އުންމީދުތައް ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމެއްގެ ގޮތުގައި ޑރ. މައުސޫމު ފާހަގަކުރައްވަ އެވެ. އެގޮތުން އަންނަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނެވޭނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.