15 ޑިސެމްބަރ 2020 - 18:14

ރިޔާޒް (ޑިސެމްބަރު 15) - ސައުދީ އަރަބިއާގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ސައުދީން ވަނީ އެމެރިކާގެ ފައިޒާ އާއި ބަޔޯއެންޓެކުން އުފެއްދި ވެކްސިނަށް ހުއްދަ ދީފަ އެވެ. އޭގެ ފަހުން އެ ގައުމުގައި މިހާރު ކުރިއަށް ދަނީ ވެކްސިން ޖެހުމަށް މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތެވެ. ސައުދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުން ވެސް ރަޖިސްޓްރީވުމަށް ވަނީ އަންގައިފަ އެވެ.
ފުރަތަމަ ފިޔަވަހީގައި ވެކްސިން ދޭނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުންނަށެވެ. އޭގެ ފަހުން 50 އަހަރުން މަތީގެ މީހުންނަށެވެ. ތިން ވަނަ ސްޓޭޖުގައި ވެކްސިން ދޭނީ ދެން ބާކީ ތިބި އެންމެންނަށެވެ. އެކި ސްޓޭޖްތައް ފަށާނެ ދުވަހަކާއި ކޮންމެ ސްޓޭޖަކަށް ހޭދަވާނެ މުއްދަތު ސައުދީގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ސައުދީގައި ކޮވިޑް ވެކްސިން ޖެހުމަށް ރަޖީސްޓްރީ ކުރަން ޖެހެނީ އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ސައުދީގެ ރައްޔިތުންނާއި އެ ގައުމުގައި އުޅޭ ބޭރު މީހުންނަށް ވެސް ވެކްސިން ޖަހައިދެނީ ހިލެ އެވެ.
ފައިޒާގެ ވެކްސިނަށް ސައުދީން ހުއްދަ ދިނީ މިދިޔަ ހަފުތާގަ އެވެ. އެމެރިކާ އާއި އިނގިރޭސި ވިލާތް، ކެނެޑާ އަދި ބަހުރޭން އާއި ޖޯޑަން އިން ވެސް ވަނީ ފައިޒާގެ ވެކްސިނަށް ހުއްދަ ދީފަ އެވެ.
ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ 360,013 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 6،059 މީހުން މަރުވެފަ އެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ 125 މީހުންނެވެ.