15 ޑިސެމްބަރ 2020 - 17:34

ކޮލަމްބޯ (ޑިސެމްބަރު 15) - ސްރީ ލަންކާގައި ކޮވިޑުގައި މަރުވާ މުސްލިމުން އެންދުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް ޕަބްލިކް ހެލްތު އިންސްޕެކްޓަރުން ބުނެފި އެވެ.
ކޮލަމްބޯ މުނިސިޕަލް ކައުންސިލް (ސީއެމްސީ) ބުނީ އެއްވެސް މީހަކު ހަވާލު ނުވާ ހަށިތައް އެންދުން މި ވަގުތަށް މަޑުޖައްސާލުމަށް އަންގާފައިވާ ކަމަށެވެ. ޕަބްލިކް ހެލްތު އިންސްޕެކްޓާސް އެސޯސިއޭޝަންގެ ސެކްރެޓަރީ އެމް. ބާލަސޫރިޔާ ވިދާޅުވީ މޯޗަރީގައި މި ވަގުތު ގިނައީ ކޮވިޑުގައި މަރުވި މުސްލިމުންގެ ހަށިތައް ކަމަށެވެ. އިއްޔެގެ ނިޔަލަށް ނުވަ މީހެއްގެ ހަށިގަނޑު މޯޗަރީގައި އެބައޮތެވެ.
ބާލަސޫރިޔާ ވިދާޅުވީ ކޮވިޑުގައި މަރުވާ މުސްލިމުން އެންދުން މަޑުޖައްސާލާފައި ވަނީ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. ރާޖަޕަކްސާ ވަނީ ކޮވިޑުގައި މަރުވާ މުސްލިމުން ވަޅުލުމަށް އެކަށީގެންވާ ބިމެއް ހޯދުމަށް ސިއްހީ އޮފިޝަލުންނަށް އަންގަވައިފަ އެވެ. ބާލަސޫރިޔާ ވިދާޅުވީ މުސްލިމުން އެންދުން މަޑުޖައްސާލީ ސިއްހީގެ އޮފިޝަލުންގެ ފަރާތުން ރާޖަޕަކްސާ އަށް ވަކި ޖަވާބެއް ދެންދެން ކަމަށެވެ.
ކޮވިޑުގައި މަރުވާ މުސްލިމުން އަންދާތީ ސްރީ ލަންކާގެ މުސްލިމުން ވަނީ އެކަމުގެ ކަންބޮޑުވުން ސަރުކާރަށް ހުށަހަޅައިފަ އެވެ.
ކޮވިޑުގައި މަރުވާ މީހުން އަންދާތީ އެކަމުގެ ނުރުހުން އަމާޒުވާތީ ހެލްތު މިނިސްޓްރީން ވަނީ ކޮންކްރީޓް ވަޅުތަކެއްގައި ވަޅުލުމަށް ލަފާދީފަ އެވެ.
ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. ހެމަންތާ ހެރަތު ވިދާޅުވީ ކޮވިޑުގައި މަރުވާ މީހުން އެންދުމުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދޭނެ ކަމަށެވެ.
ކޮވިޑުގައި މަރުވާ ލަންކާގެ މުސްލިމުންގެ ޖަނާޒާގެ ކަންކަން ރާއްޖޭގައި ކުރިއަށް ގެންގޮސް ދިނުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އެދިފަ އެވެ.
ލަންކާ އިން މިހާތަނަށް ވަނީ 33,478 މީހުން ޕޮޒިޓިވްވެ 154 މީހުން މަރުވެފަ އެވެ.