ރިނބުދޫ މާބަނޑު މީހުންގެ ޒިންމާ ކައުންސިލުން ނަގައިފި
ރިނބުދޫ މާބަނޑު މީހުންގެ ޒިންމާ ކައުންސިލުން ނަގައިފި

ދ. ރިނބުދޫ ކައުންސިލުން ދެކޭގޮތުގައި ރަށުގެ ހަގީގީ ތަރައްގީއަކީ ދުޅަހެޔޮ، ހޭލުންތެރި ރައްޔިތުންތަކެކެވެ. އެ ތަރައްގީ ގެނައުމަށް ކައުންސިލުން ވަނީ، އެންމެ ދުޅަހެޔޮ ސިއްހަތެއް ބޭނުންވާ، މާބަނޑު މީހުންނާއި ތުއްތު ކުދިންގެ ޒިންމާގައި ހިފައިފަ އެވެ. "މަރިޔަންމާ"ގެ ނަމުގައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށި ހާއްސަ ކެމްޕޭނެއްގެ ދަށުން، މިއަދާ ހަމައަށް އެ ރަށުގެ މާބަނޑު މީހުންނާއި ހަ މަސް ނުފުރޭ ތުއްތު ކުދިންގެ ސިއްހަތާ ގުޅޭ ހުރިހާ ކަމެއް ބަލަހައްޓަނީ ކައުންސިލުންނެވެ.

ރިނބުދޫ މާބަނޑު މީހުންގެ ޒިންމާ ކައުންސިލުން ނަގައިފި
ރިނބުދޫ މާބަނޑު މީހުންގެ ޒިންމާ ކައުންސިލުން ނަގައިފި

ރަށުގެ ސިއްހީ މަރުކަޒާއި އަންހެނުންގެ ކޮމިޓީއާ ގުޅިގެން ކުރިއަށް ގެންދާ އެ ކެމްޕޭނުގެ ދަށުން، ކޮންމެ ހަފުތާއަކު ވެސް، މާބަނޑު މީހާގެ ކެއުމަށް ބޭނުންވާ ތަކެތި ކައުންސިލުން ގެންގޮސްދެ އެވެ. މޭވާ އާއި ތަރުކާރީ އާއި މަސް ފަދަ، ސިއްހީ ރަނގަޅު ކާނާ ކައުންސިލުން ފޯރުކޮށްދޭ އިރު، ކެއުން ބަހައްޓަން ޖެހޭ ގޮތް ސިއްހީ މާހިރުންގެ ލަފާގެ މަތިން ކިޔައިދެ އެވެ. ސްކޭން ހެދުމުގެ ހިދުމަތް ހޯދުމަށް މާލެ ދާން ޖެހޭއިރު، ދަތުރުގެ ހަރަދާއި މާލޭގައި ހުރުމާއި ކެއުމުގެ ހަރަދުތައް ބަލަހައްޓަ އެވެ. އެކުގައި އެހީތެރިއަކަށް ދާ މީހާއަށް ވެސް އެހީ ވަނީ އެ ޕްރޮގްރާމްގެ ދަށުންނެވެ.

ރިނބުދޫ މާބަނޑު މީހުންގެ ޒިންމާ ކައުންސިލުން ނަގައިފި
ރިނބުދޫ މާބަނޑު މީހުންގެ ޒިންމާ ކައުންސިލުން ނަގައިފި

ދަރިފުޅު ވިހެއުމާއެކު، އެ ކުއްޖާއަށް ބޭނުންވާ ސާމާނު ހިމެނޭ ގިފްޓު ވައުޗާއެއް ވެސް ކައުންސިލުން ހަދިޔާ ކުރެ އެވެ. މީގެ އިތުރުން، މާބަނޑުމީހާ އާއި އޭނާގެ ފިރިމީހާއަށް، ހޭލުންތެރިކުރުވުމުގެ ގިނަ ސެޝަންތަކެއް، ސިއްހީ މާހިރުން ނަގައިދެ އެވެ.

"މާބަނޑު ވީއްސުރެ، ދަރިފުޅަށް ހަ މަސްވާންދެން އެ ދެމައިންގެ ސިއްހަތާ ގުޅުން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ބަލަހައްޓައިދެން. އަދި ފިރިމީހާގެ ބައިވެރިވުން އިތުރުކޮށް، ހޭލުންތެރިކުރުވުމަށް އޭނާއަށް ވެސް އަޅުގަނޑުމެން މައުލޫމާތުދެން،" ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވި އެވެ.

އާބާދީގައި 586 މީހުން ދިރިއުޅޭ ރިނބުދޫގައި ކުރިއަށް އޮތް ފަސް އަހަރު މި ކެމްޕޭން ހިންގާނެ އެވެ. މިހާރު އެހީތެރިވަމުން އަންނަނީ އެ ރަށުގައި ދިރިއުޅޭ ހަތަރު މީހަކަށެވެ. އެކަމަކު އެހެން ރަށްރަށުގައި ވެސް ދިރިއުޅޭ ރިނބުދޫގެ ކޮންމެ އަންހެނަކަށް ވެސް އެ ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ކައުންސިލުން ބުންޏެވެ.

ހާތިމް ވިދާޅުވީ ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުން ފަދަ މައްސަލަތައް މުޖުތަމައުގެ ތެރޭގައި ފޮރުވިފައި ހުންނައިރު ގިނަ މީހުން އެ ވާހަކަތައް ދައްކަން ބޭނުން ނުވާ ކަމަށެވެ. މާބަނޑު މީހާއަށް ދުޅަހެޔޮ ކާނާ ބޭނުންވާ ކަމާއި މާބަނޑު ދުވަސްވަރު ފިރިމީހާގެ އެއްބާރުލުމާއި އަޅާލުން ބޭނުންވާ ކަަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް، ގިނަ މީހުން އެއަށް އަމަލެއް ނުކުރެ އެވެ. މަރިޔަންމާ ކެމްޕޭނުގެ މަގްސަދަކީ، ފޮރުވިފައިވާ އެ މައްސަލަތައް ތިލަނުކޮށް، އެކަންކަމާ މެދު މީހުން ހޭލުންތެރިކުރުވުމެވެ. ފައިދާ ހުރި ކާނާ ފޯރުކޮށްދީގެން، އޭގެ މުހިއްމުކަން ވިސްނައިދިނުމެވެ. އަދި މާބަނޑު މީހާއެކޭ އެއްގޮތަށް، ފިރިމީހާ ވެސް ހޭލުންތެރިކަމުގެ މައުލޫމާތުދީ، އެކަންކަމުގައި އޭނާގެ ބައިވެރިވުން އިތުރު ކުރުމެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ކުށްކުރުން ގިނަ ތަނެއްގައި، ފުލުހުން ގިނަކޮށްގެން ކުށްތައް މަދުކުރެވިދާނެ ކަމަކަށް. އަޅުގަނޑުމެންގެ ވިސްނުމަކީ ކުށް ގިނަވުމުގެ ކުރިން، އެކަން މެދުވެރިވާ ސަބަބުތަކާ މެދު އާއްމުން ހޭލުންތެރިކުރުވުން." ހާތިމް ވިދާޅުވި އެވެ.

"މަރިޔަންމާ ކެމްޕޭން ފެށީ ވެސް މާބަނޑުމީހުންގެ ހާލަތު ދަށްވެގެންނެއް ނޫން. އެކަމަކު ވީހާވެސް ބޮޑަކަށް މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ދެމަފިރިންގެ ބައިވެރިވުން އެކަމުގައި އިތުުރުކުރަން."

ރާއްޖޭގައި ތިލޭރުން އެންމެ ގިނަ އަދި އެކަމުގައި ގިނަ އެވޯޑުތަކެއް ހޯދާފައިވާ ރިނބުދޫ ކައުންސިލުން ވަނީ މި ފަދަ އެހެން ޕްރޮގްރާމެއް ވެސް 2018 ވަނަ އަހަރު ހިންގައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން މި ފަހުން ހިންގީ ނާސްތާ ޕްރޮގްރާމްގެ ކުރިން، ކައުންސިލުން ވަނީ އެ ރަށުގެ ދަރިވަރުންނަށް ދޮންކޭލާއި ބިހާއި ކިރުސައި ހިމެނޭ ނާސްތާ ދީފަ އެވެ. އެއް އަހަރަށް ހިންގި އެ ޕްރޮގްރާމްގެ ނަތީޖާ ވެސް ވަރަށް ފޮނި ކަމަށް ކައުންސިލުން ބުންޏެވެ. އޭގެ އިތުރުން ކާބޯތަކެތީގެ އަސްލު ފައިދާ ނުގެއްލޭ ގޮތަށް އެތަކެތި ބޭނުން ކުރާނެ ގޮތުގެ ޕްރޮގްރާމެއް ވެސް ރައްޔިތުންނަށް ވަނީ ހިންގައިފަ އެވެ.

ރިނބުދޫ ކައުންސިލްގެ މަރިޔަންމާ ކެމްޕޭނުގައި ކައިރީގައި އޮންނަ ވޮއްމުލި ރިސޯޓާއި ޔޫތު މިނިސްޓްރީ އާއި ތަފާތު ޖަމިއްޔާތައް ބައިވެރިވާއިރު، އެ އެންމެންގެ ވެސް މަގްސަދަކީ، އާބާދީ މަދު ރަށަކުން ތަފާތު ދެއްކުމެވެ. ހަގީގީ ތަރައްގީއަކީ ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުން ކަމަށް ދެކިގެން، އެކަން އަމަލީ ގޮތުން ދެއްކުމެވެ.