15 ޑިސެމްބަރ 2020 - 14:02

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ލިޔެކިޔުންތައް ސާފު ނުވާ ކަމަށް ބުނެ ޝަރީއަތުގައި އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ގޮސް އެ ފުރުސަތު އިތުރަށް ނުދޭން ގާޒީ ނިންމެވެމުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އެންމެ ފަހުން މިއަދު ދައުވާ އަށް ޖަވާބުދާރީވެއްޖެ އެވެ.
ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި، މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ މަސްލަހަތު އޮންނަ އެ ދެ ކުންފުނި ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސައިގެ އިބްތިދާއީ އަޑުއެހުމުގައި ދިފާއީ ވަކީލް އަލީ އަބްދުއްލަތީފް ވަނީ ދައުވާ އަށް ކަނޑައެޅިގެން އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މިއަދުގެ އަޑުއެހުން ފަށައި، ދިފާއުން އެންމެ ފުރަތަމަ ވެސް އެދުނީ މިއަދުގެ ޝަރީއަތް ކުރިއަށް ނުގެންދިއުމަށެވެ. ވަކީލް އަލީ އަބްދުއްލަތީފް ވިދާޅުވީ ކުންފުނިން ނިންމާފައިވަނީ ދެ ވަކީލަކާ އެކު މައްސަލަ ކުރިއަށް ގެންދަން ކަމަށާއި ލީޑުކުރައްވަން ހަމަޖެއްސި ވަކީލް އާއިލީ ކަމެއްގައި ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހުމުން ކޯޓަށް ވަޑައިނުގެންނެވުނީ ކަމަށެވެ. އެހެންވެ އެ ވަކީލް ވެސް ވަޑައިގަތުމުން މައްސަލަ ކުރިއަށް ގެންދަން އެދިވަޑައިގަތެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ އެއް ވަކީލަކު ނެތް ނަމަވެސް އެއީ ވަކީލެއްގެ ފުރުސަތު ނުދިނުން ކަމަށް ނުބެލެވޭނެ ކަމަށާއި އެހެންވެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެންމެ ވަކީލަކާ އެކު މައްސަލަ ކުރިއަށް ގެންދިއުމުގައި ދައުލަތުން ދެކޭ ގޮތެއް ގާޒީ އެއްސެވުމުން ޕަބްލިކް ޕްރޮސިކިއުޓާ މަރިޔަމް ޝަހުމާ ވިދާޅުވީ ގާޒީ އެކަމުގައި ނިންމެވި ގޮތް ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
ދައުލަތުން މިގޮތަށް ޖަވާބު ދިނުމުން ގާޒީ ޝަކީލް ވަނީ މީގެ ކުރިން ވެސް އެކި ފުރުސަތުތައް ދިފާއަށް ދީފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި އެންމެ ފަހުން އޮތް އަޑުއެހުމުގައި ދެ ވަކީލުން ބައިވެރިވެ ވަޑައިގެން އިރު އިސްކޮށް ވާހަކަ ދެއްކެވީ މިއަދު ކޯޓަަށް ވަޑައިގެނެންނެވި ވަކީލް އަލީ އަބްދުއްލަތީފްކަން ވެސް ފާހަގަކުރެއްވި އެވެ.
އެންމެ ވަކީލަކާ އެކު ވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވައި ދައުވާ އަށް ޖަވާބުދާރީވާން އެންގެވުމާ އެކު ދިފާއީ ވަކީލް އަލީ އަބްދުއްލަތީފް ވިދާޅުވީ ދައުވާ ލިބޭ ފަރާތަށް ލިޔެކިޔުންތައް ހަވާލުކުރާނެ ކަމަށް އެންމެ ފަހުން އޮތް އަޑުއެހުމުގައި ބުނި ނަމަވެސް ލިޔުންތައް ލިބުނީ ހަތް ދުވަސް ފަހުން ކަމަށާއި އެ ލިޔުންތައް ކިޔަން ނޭނގޭތީ މި މަހު 9 ގައި ކޯޓުގެ ސަމާލުކަމަށް އެކަން ގެނެސް ސިޓީއަކުން އަންގާފައި ވާނެ ކަމަށެވެ. އަދި ވީޑިއޯ/އޯޑިއޯ ހުރި ސީޑީތަކުގައި ވެސް ރިޕީޓްކޮށް އެއް ކްލިޕްތަކެއް ހުރި ކަމަށް ވިދާޅުވި އެވެ. އެހެންވެ ދިފާއުން އެދުނީ ސާފު ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ފަހު އަޑުއެހުން ކުރިއަށް ގެންދިއުމަށެވެ.
މި ޝަކުވާއާ ގުޅިގެން ގާޒީ ވަނީ ސާފު ލިޔެކިޔުން ހުރިތޯ ދައުލަތާ ސުވާލުކުރައްވައިފަ އެވެ. ޖަވާބުގައި، ޕަބްލިކް ޕްރޮސިކިއުޓާ ހައްވާ ހަނާ ވިދާޅުވީ ސާފު ލިޔުން ހުށަހަޅާފައި ވާނެ ކަމަށާއި ދައުލަތަށް ލިބިފައި ހުރި ލިޔުންތައް ކިޔަން އެނގޭ ކަމަށެވެ. އަދި އޭގެ ފަހުން ގާޒީގެ އެންގެވުމަށް ކޮންމެ ޑޮކިއުމެންޓެއް ވަކިން ދައުލަތުން ކޯޓުގައި އިއްވި އެވެ. އޭގެ ފަހުން ވެސް ދިފާއުން ބުނީ ސާފުނުވާ ކަމަށެވެ.
ގާޒީ ޝަކީލް ވެސް ވިދާޅުވީ ޝަރީއަތަށް ހުށަހަޅާފައިވާ ބައެއް ލިޔުންތައް ސާފު ނުވާ ކަމަށާއި އެފަދަ އެއްޗަކަށް ބަލައިގެން ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެއާ އެކު ދައުލަތުން ވަނީ ސާފު ލިޔުންތައް ހުށަހަޅައިފަ އެވެ. އެކަމަކު ބޭންކުގެ ބައެއް ސްލިޕް ފަދަ ތަކެތި ސާފު ނުވިޔަސް، އޭގެ ތަފްސީލް ބޭންކް ސްޓޭޓްމަންޓުން ސާބިތުވާނެކަން ފާހަގަކޮށް އެފަދަ ބައެއް ލިޔުންތައް ނުހިމަނައި މައްސަލަ ކުރިއަށް ގެންދިއުމުގައި އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ޝަރީއަތުގައި ސާފު ލިޔުންތައް ހުށަހަޅައި އަދި ދައުލަތުން އެ ލިޔުންތައް ކިޔައިދިނުމަށް ފަހު ގާޒީ ވަނީ "މިހާރު ސާފުވެއްޖެތޯ" ދިފާއީ ވަކީލާ ސުވާލުކުރައްވައިފަ އެވެ. ޖަވާބުގައި ވަކީލް ވިދާޅުވީ ބައެއް ތަންތަން ވަރަށް ނުސާފު ކަމަށެވެ. ގާޒީ އަނެއްކާވެސް ވިދާޅުވީ ސާފުތޯ ނޫންތޯ މުހިންމު ނޫން ކަމަށާއި މުހިންމީ އޭގައި އޮތް އެއްޗެއް ކިޔަން އެނގޭވަރު ވޭތޯ ބެލުން ކަމަށެވެ.
ލިޔެކިޔުންތައް ސާފުނުވާ ކަމަށް ދެކެވުނު ވާހަކަތަކަށް ފަހު އެކަން ހައްލުކޮށް، ދައުވާ އަށް ޖަވާބުދާރީވާން ގާޒީ އަނެއްކާވެސް އެންގެވި އެވެ. ނަމަވެސް ސަންގެ ވަކީލް ވިދާޅުވީ ޝަރީއަތަށް ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯ/ވީޑިއޯ އަދި ބައެއް ލިޔެކިޔުންތައް ސިއްރުކުރަން ދައުލަތުން އެދިފައިވާ ކަމަށާއި އެ ބެލުމަށް ފަހު ޖަވާބުދާރީވުމުގެ ފުރުސަތެއް ދެއްވުމަށެވެ.
ވަކީލް މިހެން ވިދާޅުމުން، ގާޒީ ވަނީ މައްސަލާގައި ކޯޓަށް ވަޑައިގެން ހުންނެވީ ކޯޓަށް އާ ބޭފުޅެއް ނޫން ކަމަށާއި ޝަރީއަތް ހިންގާ ގޮތާއި މައްސަލަތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރާ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ތަޖުރިބާހުރި ބޭފުޅެއް ކަމަށް ވިދާޅުވެ މައްސަލަ ކުރިއަށް ގެންދާ ގޮތް އިސްފަސްކުރަން ނޫޅުމަށް އަންގަވައިފަ އެވެ. ނަމަވެސް ވަކީލް ވިދާޅުވީ އެގޮތަށް ހުށަހަޅާ ތަކެތި ބެލުމުގެ ފުރުސަތު އެހެން ބައެއް މައްސަލަތަކުގައި ކޯޓުން ކުރިން ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮށްފައި އޮތީ ކުޑަ ދައުވާއެއް ނުން ކަމަށާއި އެހެންވެ ޖަވާބުދާރީވާން އެންމެ އެކަށީގެންވަނީ ކޯޓަށް ހުށަހަޅާފައިވާ އެއްޗެހި ބެލުމަށް ފަހުގައި ކަމަށެވެ.
ދިފާއުން މި މައްސަލަ ނެގުމާ އެކު ދައުލަތުގެ ބަހަކީ ކޮބައިތޯ ގާޒީ އެއްސެވުމުން ވަކީލް މަރިޔަމް ޝަހުމާ ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީ ނުވާން ދިފާއުން ފަހަރަކު އުޒުރެއް ދައްކަމުންދާ ކަމަށެވެ. ދިފާއުން އެހެން ވާހަކަ ދެއްކެވި ނަމަވެސް ހުށަހަޅާފައިވާ ކަންކަމަށް ބަލައި ދައުވާ އަށް އިންކާރު ކުރުމާއި އިއުތިރާފްވުމާ މެދު ގޮތެއް ނިންމޭވަރަށް ހުށަހެޅުންތައް އެބަހުރި ކަމަށް ޝަހުމާ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ބައެއް ހެކިތައް ސިއްރުކުރުމަށް ދައުލަތުން އެދިފައިވާ ކަމަށާއި އެކަމުގައި އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެ ހުށަހެޅުންތަކުގެ ތެރެއިން ސިއްރުކުރާ އެއްޗެއް ސިއްރުކުރާނެ މިންވަރަކާއި ސިއްރު ނުކުރެވޭނެ އެއްޗެހި މައްސަލަ ކުރިއަށްދާ ވަރަކުން ކަނޑައެޅޭނެ ކަމަށް ވެސް ވިދާޅުވެ އަނެއްކާވެސް ގާޒީ އެންގެވީ ޖަވާބުދާރީ ވުމަށެވެ.
އިތުރު ވާހަކަ ދެއްކެމުގެ ފުރުސަތު ބަންދުކުރައްވައި ގާޒީ މިގޮތަށް އެންގެވުމުން ވަކީލް އަލީ އަބްދުއްލަތީފް ވަނީ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ.
ދައުވާ އަށް އިންކާރުކުރުން ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ގިނަ އަދަދެއްގެ ހެކިން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި، އެމްއެމްޕިއާރްސީ ކޮރަޕްޝަން ސާބިތުވެ ޖަލު ހުކުމް އައިސްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ އިތުރުން ވެސް ސިޔާމްގެ އަރިސް އެހެން ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން، މައްސަލާގައި ތަހުގީގަށް ބޭނުންކުރި ފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ ފޮރެންސިކް ހެދި ފުލުހުންނާއި ބޭންކްތަކުގެ ގިނަ އަދަދެއްގެ ލިޔެކިޔުމާ އެކު 100 އާ ގާތްކުރާ އަދަދަކަށް ހެކި ހުށަހެޅި އެވެ.
ދައުލަތުން ހުށަހެޅި ހެކިތަކައް ނަފީކުރުމަށް ދިފާއުން ހެކި ހުށަހެޅުމުގެ ފުރުސަތު މި މަހު 23 ގައި ބާއްވާ އަޑުއެހުމުގައި ދެއްވާނެ ކަމަށާއި އެއީ ވެސް އިބްތިދާއީ އަޑުއެހުމުގެ ބައެއް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އޭގެ ފަހުން، ގާނޫނުގައިވާ ގޮތުގެ މަތިން 15 ދުވަހުގެ ފުރުސަތު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ މި ދައުވާގެ ތެރެއިން، މިހާރު ވެސް މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް ދައުވާކުރެ އެވެ.