އެމްއެމްސީގެ ރައީސް ކަމަށް ޝަހުބާން، ނައިބަކަށް ސަގީފް
އެމްއެމްސީގެ ރައީސް ކަމަށް ޝަހުބާން، ނައިބަކަށް ސަގީފް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ދައުރުގެ ރައީސް ކަމަށް ސަންގު ޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ، އަދި ނައިބު ރައީސް ކަމަށް ތިލަދުންގެ އެޑިޓަރު ހުސެއިން ސަގީފް މިއަދު ހޮވައިފި އެވެ.

އެމްއެމްސީގެ ރައީސް އާއި ނައިބު ރައީސް އައްޔަނުކުރަން ނަގާ ވޯޓުގައި ބައިވެރިވެވޭނީ އެ ކައުންސިލްގެ މެމްބަރުންނަށް އެކަންޏެވެ. މިއަދު ބޭއްވި އެ ކައުންސިލްގެ ހަ ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތް 14 މެމްބަރުން ވެސް މިއަދުގެ ވޯޓުގައި ބައިވެރިވެ ވަޑައިގަތެވެ. ޖުމްލަ 15 މެމްބަރުން މި ކައުންސިލްގައި ހިމެނޭ އިރު މިއަދުގެ ބައްދަލުވުމަށް އެއް މެމްބަރަކު ހާޒިރުވެ ވަޑައެއް ނުގަންނަވަ އެވެ.

އެމްއެމްސީގެ ރައީސް ކަމުގެ މަގާމަށް ޝަހުބާންގެ އިތުރުން، ޕީއެސްއެމްގެ އަލީ ހުސައިން އާއި އަމިއްލަ ގޮތުން ކައުންސިލްގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި އަހުމަދު ޝަފާއު ވާދަކުރެއްވި އެވެ. ރައީސް ކަމުގެ މަގާމް ކާމިޔާބު ކުރެއްވި ޝަހުބާނަށް ހަ ވޯޓު ލިބިވަޑައިގަތް އިރު، އަލީ ހުސެއިން އަށް ލިބިވަޑައިގަތީ ފަސް ވޯޓެވެ. އަދި ޝަފާއު އަށް ތިން ވޯޓެވެ.

ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ސަގީފް އެކަންޏެވެ. އެހެންވެ، އޭނާ އެ މަގާމަށް ހޮވަން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. މި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވީ އޭނާ އެ މަގާމަށް ހޮވާށެވެ.

އެމްއެމްސީގެ ހަ ވަނަ ދައުރުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ހޮވީ މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި އިންތިހާބުގަ އެވެ. އެ އިންތިހާބުގައި 187 މީޑިއާ އަކުން ވޯޓުލި އެވެ.