15 ޑިސެމްބަރ 2020 - 12:37

ޕެރިސް (ޑިސެމްބަރު 15) – ފްރާންސްގެ "ފްރާންސް ފުޓްބޯލް" މަޖައްލާ އިން އެކުލަވާލި ބެލޮންޑިއޯ ޑްރީމް ޓީމުގެ ފޯވާޑް ލައިނުން ބްރެޒިލްގެ ރޮނާލްޑޯ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އާޖެންޓީނާގެ ލިއޮނަލް މެސީ އަށް ޖާގަ ލިބިއްޖެ އެވެ.

ބެލޮންޑިއޯ އަކީ "ފްރާންސް ފުޓްބޯލް" އިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ޝަރަފްވެރި އެވޯޑެކެވެ. އެކަމަކު ކޮވިޑުގެ ސަބަބުން ފުޓްބޯޅަ ސީޒަން މެދުކެނޑުމާއި އެ ނޫން ވެސް ސަބަބުތަކާ ގުޅިގެން މި އަހަރު ބެލޮންޑިއޯ ނުދޭން ވަނީ ނިންމައިފަ އެވެ. ބަދަލުގައި ހޮވީ އޯލް ޓައިމް ޑްރީމް ޓީމެކެވެ. މި ޓީމު ހޮވީ މުޅި ދުނިޔޭން ހޮވާލެވުނު 140 ނޫސްވެރިންގެ ޕެނަލަކުންނެވެ.

ޑްރީމް ޓީމު ނަގާފައިވަނީ 3-4-3 ގެ ފޯމޭޝަނަކަށެވެ. ގޯލްކީޕަރުގެ މަގާމް ލިބުނީ ސޯވިއެޓް ޔޫނިއަނުގެ ލެވް ޔަޝިން އަށެވެ. އޭނާ ވަނީ ސޯވިއެޓް ޔޫނިއަންއާ އެކު 1960 ވަނަ އަހަރު ޔޫރޯ ކާމިޔާބުކޮށް އަދި 1966 ގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދައިފަ އެވެ.
މި ޓީމުގެ ޑިފެންސް ލައިނުން ޖާގަ ލިބުނީ ބްރެޒިލްގެ ކަފޫ އާއި ޖަރުމަނުގެ ފްރެންޒް ބެކެންބާ އާއި އިޓަލީގެ ޕައޮލޯ މަލްޑިނީ އަށެވެ. ކަފޫ ވަނީ 2002 ވަނަ އަހަރު ބްރެޒިލާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށް 2007 ގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ބެކެންބާ އަކީ ހުޅަނގު ޖަރުމަނަށް 1974 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަނެވެ. މަލްޑިނީ ވަނީ އިޓަލީއާ އެކު 1994 ގެ ވޯލްޑް ކަޕުގެ ދެ ވަނަ އަދި މިލާނާ އެކު ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދައިފަ އެވެ.
މިޑްފީލްޑަރުންނަކީ ސްޕެއިނުގެ ޒަވީ ހެނާންޑޭޒް އާއި ޖަރުމަނުގެ ލޮތަ މަތެއަސް އާއި ދާދި ފަހުން މަރުވި އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ އަދި ބްރެޒިލްގެ ޕެލޭ އެވެ.
ޒަވީ ވަނީ ސްޕެއިނާ އެކު 2010 ގެ ވޯލްޑް ކަޕާއި 2008 އާއި 2012 ގެ ޔޫރޯ ހޯދައިފަ އެވެ. އަދި ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރި އެވެ. ބެލޮންޑިއޯ 1990 ވަނަ އަހަރު ހޯދި މަތެއަސް ވަނީ އެ އަހަރު ހުޅަނގު ޖަރުމަނާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އާޖެންޓީނާއާ އެކު 1986 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި މަރަޑޯނާ ވަނީ ކްލަބް ލެވެލްގައި ނަޕޯލީ އަށް އިޓާލިއަން ލީގު ދެ ފަހަރު އަދި ޔުއެފާ ކަޕް އެއް ފަހަރު ކާމިޔާބުކޮށްދީފަ އެވެ. ޕެލޭ ވަނީ ބްރެޒިލާ އެކު 1958، 1962 އަދި 1970 ގައި ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.
ފޯވާޑް ލައިނުގައި ހިމެނޭ މެސީ އާއި ރޮނާލްޑޯ އަކީ މި ޖީލުގެ އެންމެ މޮޅު ދެ ކުޅުންތެރިންނެވެ. ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދި މެސީ ވަނީ ބެލޮންޑިއޯ ހަ ފަހަރު ހޯދައިފަ އެވެ. ރޮނާލްޑޯ ވަނީ ބެލޮންޑިއޯ ފަސް ފަހަރު ހޯދައިފަ އެވެ. އަދި ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި މެންޗެސްޓާ ޔުނައިޓެޑާ އެކު އެއް ފަހަރު ހޯދި އެވެ. ބްރެޒިލްގެ ރޮނާލްޑޯ ވަނީ 1997 އާއި 2002 ގައި ބެލޮންޑިއޯ ހޯދައިފަ އެވެ. އޭނާ ވަނީ ބްރެޒިލާ އެކު 1994 އާއި 2002 ގައި ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.