އިންކަމް ސަޕޯޓުގެ ގޮތުގައި 164 މިލިއަން ރުފިޔާ ދޫކޮށްފި
އިންކަމް ސަޕޯޓުގެ ގޮތުގައި 164 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19އާ ގުޅިގެން ފިނޭންސް މިިނިސްޓްރީން ތައާރަފްކުރި އިންކަމް ސަމޕޯޓުގެ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 164.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބު ދައްކާގޮތުން އިންކަމް ސަޕޯޓަށް އެދުނު މީހުންގެ ތެރެއިން މިހާތަނަށް 13،177 މީހަކަށް ޖުމްލަ 164.3 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ކޮވިޑް-19އާ ގުޅިގެން ވަޒީފާތަކަށް އަސަރު ކުރި މީހުންނަށް ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ދޭން ނިންމާފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށެވެ. އެ ފައިސާ ލިބޭނީ މިދިޔަ އަހަރު ޑިސެމްބަރުގެ ނިޔަލަށް ވަޒީފާ އަދާކޮށްފައިވާ، އަދި އޭގެ ފަހުން ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އަށް އަސަރު ކުރި މީހުންނަށެވެ. އެގޮތުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި ނޯޕޭ ލީވް ދީފައިވާ މީހުންގެ އިތުރަށް މުސާރައިން އުނިކޮށްފައިވާ މީހުންނަށް ފައިސާ ދޫކުރެ އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން އިންކަމް އަށް އަސަރުކޮށްފައިވާ ފްރީލާންސް މަސައްކަތްކުރާ މީހުންނަށް ވެސް އިންކަމް ސަޕޯޓް ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަސްވެރިންނާއި ދަނޑުވެރިން ވެސް ހިމެނެ އެވެ.

އިންކަމް ސަޕޯޓްގެ ފުރަތަމަ ބުރު ހުޅުވާލީ އޭޕްރިލް މޭ އަދި ޖޫން މަހަަށް ފައިސާ ދޭ ގޮތަށެވެ. އޭގެ ފަހުން ދެވަނަ ބުރުގައި ޖުލައި، އޯގަސްޓް އަދި ސެޕްޓެމްބަރު މަހު ފައިސާ ދޫކޮށްފައިވާއިރު ތިން ވަނަ ބުރު މިނިސްޓްރީން ހުޅުވާފައި ވަނީ މި އަހަރުގެ ނިޔަލަށެވެ.