15 ޑިސެމްބަރ 2020 - 13:14

ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ދިވެހި ސަރުކާރުގައި އެދިފައިވާކަން އެނގިފައި ނުވާ ކަމަށް އެ ގައުމުގެ ކެބިނެޓް ތަރުޖަމާން ކެހެލިޔަ ރަމްބުކްވެއްލަ ވިދާޅުވެއްޖެ އެވެ.
ލަންކާގެ ނޫހެއް ކަމަށްވާ، "ނިއުސް ސެންޓާ"ގައި ބުނެފައި ވަނީ ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމާ ބެހޭ ގޮތުން ކެބިނެޓްގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް މިއަދު ބޭއްވި ކެބިނެޓް ޕްރެސް ބްރީފިންގައި، މީޑިއާ މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރައްވާ، ރަމްބުކްވެއްލަ ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަވަށްޓެރި ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން އިސްލާމީ އުސޫލުތަކުގެ ތެރެއިން ޖަނާޒާގެ ކަންކަން ފުރިހަމަކުރުމަށް އެ ގައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެ މީހުންގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެދި އެ ގައުމުގެ ރައީސް ގޯތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުވާފައިވާ ކަމަށާއި އެކަމާ ގުޅިގެން ކުރަން ޖެހޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
މި މައްސަލައިގައި ދިވެހިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ އިރު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ލަންކާގެ ހުށަހެޅުމަށް ތާއީދު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ލަންކާގެ މުސްލިމުންގެ ޖަނާޒާގެ ކަންކަން ރާއްޖޭގައި ހަމަޖައްސައިދިނުމަކީ ވަރަށް މުހިންމު އަދި ސަވާބާއި ދަރުމަ ހުރި ކަމެކެވެ.
ނަމަވެސް ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީ ގޮތުން ކޮށްދޭން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކޮށްދީފި ނަމަ ވާނީ އެ ގައުމުގެ ސަރުކާރުން މުސްލިމުންނާ މެދު އަމަލު ކުރަމުން އަންނަ ގޮތަށް ކުރެވޭ ތާއީދަކަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ރާއްޖޭގައި ހަމަޖައްސައިދިނުމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
ބުދު ދީނުގެ މެޖޯރިޓީއެއް އޮންނަ ލަންކާގައި ނިންމާފައި ވަނީ ކޮވިޑް-19 ޖެހިގެން މަރުވާ އެންމެން އެންދުމަށެވެ. އެކަމާ ދެކޮޅަށް އެ ގައުމުގެ ބައެއް މުސްލިމުން ވެސް އަންނަނީ އަޑު އުފުލަމުންނެވެ.