ހުޅުމާލޭގައި އެޕޯލޯ އިން 1،000 ފްލެޓު މި މަހު އަޅަން ފަށަނީ
ހުޅުމާލޭގައި އެޕޯލޯ އިން 1،000 ފްލެޓު މި މަހު އަޅަން ފަށަނީ

ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓު އިމާރާތްކުރަން އެޕޯލޯ ހޯލްޑިންގްސްއާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު "މިހާރު" އަށް ވިދާޅުވީ އެޕޯލޯ އިން އެޗްޑީސީ އަަށް ހުށަހެޅީ ހަތަރު ކެޓަގަރީއެއްގެ ފްލެޓު އިމާރާތް ކޮށްދޭން ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުން އަލަށް ތައާރަފުކުރަން ނިންމާފައިވާ ކައުންސިލް ހައުސިން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލް ހައުސިންއާ އެކު އެފޯޑަބްލް، މިޑް ރޭންޖް އަދި މަތީ ފަންތީގެ ހައުސިން ޔުނިޓުތަކެއް އަޅަން ހުށަހެޅީ. ކޮންސެޕްޓާއި ޑިޒައިން ވެސް އެ ބޭފުޅުން ކުރިއަށް ގެންދާނީ،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކުގެ މި މަޝްރޫއުގައި ފައިނޭންސް ކުރާނީ ވެސް އެޕޯލޯ އިންނެވެ. މި ފްލެޓްތައް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ލަފާ ކުރެ އެވެ.

މީގެ އިތުރުން ވެސް ބޯހިޔާވަހިކަމުގެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން އިތުރު ބަޔަކާ އެކު ވެސް ފްލެޓު އަޅަން އެޗްޑީީސީން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސުހައިލް ވިދާޅުވި އެވެ.

"އިތުރު ދެތިން ކުންފުންޏަކާ އެކު އެޗްޑީސީން މަޝްވަރާތައް ކުރިއަށް އެބަދޭ،" ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީން މިހާރު ވެސް އަންނަނީ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ފްލެޓް އަޅަމުންނެވެ.

މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން 3،000 ފްލެޓުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.