ޔޫރަޕްގައި ނުކުޅުމަކީ އެޑްވާންޓޭޖެއް ނޫން: ކްލޮޕް
ޔޫރަޕްގައި ނުކުޅުމަކީ އެޑްވާންޓޭޖެއް ނޫން: ކްލޮޕް

ލިވަޕޫލް (ނޮވެމްބަރު 5) - މި ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގައި ވާދަނުކުރުމަކީ ލިވަޕޫލަށް އޮތް އެޑްވާންޓޭޖެއް ކަމަށް ނުދެކޭ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޔޫރަޕުގައި ނުކުޅޭ ދެ ޓީމު ކަމަށްވާ ލިވަޕޫލާއި ޗެލްސީ އަންނަނީ ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ކްލޮޕް ބުނީ ލިވަޕޫލާއި ޗެލްސީއާ މެދު ދެކޭގޮތް ތަފާތުވުމުން ހައިރާންވާ ކަމަށެވެ.

"ޕްރިމިއާ ލީގަކީ ވާދަވެރި ލީގެއް. ކޮންމެ ކްލަބެއްގައި ވެސް ބޮޑު ސްކޮޑެއް އެބައޮތް. ލިވަޕޫލަށް ޔޫރަޕް މުބާރާތެއް ނެތުމަކީ މާ ބޮޑު އެޑްވާންޓޭޖެއް ނޫން. އެއީ ރަނގަޅަށް ނުކުޅެވޭނަމަ ޔޫރަޕްގައި އޮތަސް ނެތަސް އެއީ މައްސަލައެއް ނޫން. ޗެލްސީ އާއި ލިވަޕޫލަށް އެޑްވާންޓޭޖް އޮތް ކަމަށް ބުނެ ކޮންމެ ހަފްތާއަކު ސުވާލު ކުރާތީ އަހަރެން ހައިރާންވޭ،" ޕްރިމިއާ ލީގުގައި މާދަމާރޭ ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑު އޮތްގޮތުން އެ ޓީމަށް ޔޫރަޕްގައި ކުޅެން ނުޖެހުމަކީ އެޑްވާންޓޭޖަކަށް ވެދާނެ ކަމަށެވެ.

"އާ ކޯޗަކާ އެކު ސީޒަނަށް ކުރިމަތިލާއިރު ގާތްގާތުގައި މެޗު ކުޅެން އުނދަގޫވާނެ. ޔުނައިޓެޑު ޔޫރަޕްގައި ނުކުޅޭނަމަ އެ ޓީމަށް ފައިދާ ކުރާނެ. ޖެނުއަރީން ފެށިގެން އެ ޓީމު ޔޫރަޕްގައި ނެތްނަމަ ތަފާތު ފެންނާނެ،" ކްލޮޕް ބުންޏެވެ.

ލިވަޕޫލް ކޯޗުކަމާ މިދިޔަ އަހަރު ކްލޮޕް ހަވާލުވުމަށް ފަހު ވަނީ އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގު ފައިނަލަށް ގޮސްފަ އެވެ. ފައިނަލުގައި ބަލިވީ ސެވިއްޔާ އަތުންނެވެ. ލިވަޕޫލް މިދިޔަ ސީޒަން ނިންމާލީ ލީގުގެ އަށް ވަނައިގަ އޮވެ އެވެ.