14 ޑިސެމްބަރ 2020 - 15:59

ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެ ގައުމުން އެދިފައިވާތީ، ކަމާބެހޭ ފަރާތްތަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކޮވިޑުގައި ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެ ގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، ރާއްޖޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ހޯއްދެވުމަށް، ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާ ކަމަށް ބަޔާނުގައިވެ އެވެ.
"އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި އަދި ދިވެހިރާއްޖެއާ ސްރީ ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ،" ބަޔާނުގައިވެ އެވެ.
ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ހުއްދައެއް އެ ގައުމުގައި ނޯވެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ، ބަލީގައި މަރުވާ އެންމެން ވެސް އަންދާލަނީ އެވެ. އެހެންވެ ލަންކާގެ މުސްލިމުންނާއި ކްރިސްޓިއަނުން ވެސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރަމުންނެވެ.
ލަންކާގެ ޕަބްލިކް ހެލްތު ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. ހެމަންތާ ހެރަތުއާ ހަވާލަދީ އެ ގައުމުގެ ނޫސްތަކުން ބުނީ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ދިވެހި ސަރުކާރުން ބޭނުންވީ، ވަކި ރަށްތަކަކަށް ރާއްޖެ ބެހިފައި އޮތުމުން، މީހުން ވަޅުލުމުގެ މައްސަލަ ކުރިމަތި ނުވާނެތީ ކަމަށެވެ. އަދި ލަންކާގެ މީހުން ވަޅުލާނީ ވަކި ރަށެއްގައި ކަމަށް ވެސް ލަންކާގެ އޮފިޝަލް ވިދާޅުވި އެވެ.