ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 10 ރަށަކަށް
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 10 ރަށަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު" ގެ ދަށުން މިއަހަރުގެ ފަހު ކުއާޓާ އަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފި އެެވެ.

އެއީ:

ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން، ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން، ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން، ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން، ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން، އއ. ބޮޑުފޮޅުދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން، އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ތަރައްގީކުރުން، ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން، ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން އަދި ގދ. ހޯޑެއްދޫގައި ނޭޗާ ޕާކް ތަރައްގީ ކުރުން އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މި ޕްރޮޖެކްޓަށް މި އަހަރު ވެސް ވަރަށް ގިނަ ރަނގަޅު ޕްރޮޖެކްޓުތައް ލިބިފައިވާ ކަމަށެވެ.

"ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން،" ސައީދު ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެވިފަ އެވެ.