މުދަލު ޒަކާތުގެ ނިސާބަށް ބޮޑު އިތުރުވުމެއް
މުދަލު ޒަކާތުގެ ނިސާބަށް ބޮޑު އިތުރުވުމެއް

މުދަލު ޒަކާތް ވާޖިބުވާ ނިސާބު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން މުދަލުގެ ޒަކާތުުގެ ނިސާބަކީ 6،961.50ރ. ކަމަށެވެ. ކުރީގެ ނިސާބަކީ 4،950.40ރ. އެވެ.

ރާއްޖޭގައި ނިސާބުގެ އަގު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށް ވާއިރު ދުނިޔޭގެ ބާޒާރުގައި އޭގެ އަގު ބޮޑުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައި ވާއިރު ގްރާމަކަށް ކަނޑައަޅާފައިވަނީ 11.70ރ. އެވެ. އެހެންވެ ނިސާބުގެ ގޮތުގައި ދައްކަން ޖެހޭ 595 ގްރާމުގެ ރިހީގެ އަގަކީ 6،961.50ރ. އެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓުގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.

ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހެދި އެތައް ބައެއްގެ ވަޒީފާ ގެއްލި އަތްމަތި ދަތިވުމުން ފަގީރުންގެ ލިސްޓުގައި ޖެހުނު މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު މި ލިސްޓުގައި 8،764 މީހުން އޮތް ނަމަވެސް މި އަހަރު އެ އަދަދު 11،514 އަށް ވަނީ އިތުރުވެފަ އެވެ.