ދެވަނަ ރާޅާ އެކު ކޮލަމްބޯ އިން 14،500 މީހުން ޕޮޒިޓިވްވެއްޖެ
ދެވަނަ ރާޅާ އެކު ކޮލަމްބޯ އިން 14،500 މީހުން ޕޮޒިޓިވްވެއްޖެ

ކޮލަމްބޯ (ޑިސެމްބަރު 14) - ސްރީ ލަންކާގައި ކޮރޯނާވައިރަހުގެ ދެ ވަނަ ރާޅު އޮކްޓޯބަރު މަހު ފެށުމާ އެކު ވެރިރަށް ކޮލަމްބޯ އިން މިހާތަނަށް 14،500 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައިފި އެވެ.

ނޭޝަނަލް އޮޕަރޭޝަންސް ސެންޓަ ފޯ ދަ ޕްރިވެންޝަން އޮފް ކޮވިޑް-19 އިން ބުނީ އޮކްޓޯބަރު 4 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކޮލަމްބޯ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 14،551 އަށް އަރާފައިވާ ކަމަށެވެ. އަދި ކޮލަމްބޯ އިން އިއްޔެ އެކަނިވެސް 444 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ސެންޓަރުން ބުންޏެވެ.

ދެވަނަ އަށް އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގަމްޕަހާ އިން 75، އަމްޕަރާ އިން 41، ކުރުނެގަލަ އިން 22 އަދި ކަލުތަރަ އިން 19 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

ލަންކާގައި ދެ ވަނަ ރާޅެއް ފެތުރިގެން ދިޔައީ ދެ ކްލަސްޓާއަކާ ގުޅިގެންނެވެ. މިނުވަންގޮޑާ ކްލަސްޓާ އިން 3،059 މީހުން ޕޮޒިޓިވްވެފައިވާ އިރު ޕެލިޔަގޮޑާ މަސްމާރުކޭޓް ކްލަސްޓާ އިން ވަނީ 26،089 މީހުން ޕޮޒިޓިވްވެފަ އެވެ.

ލަންކާ އަށް މިދުވަސްވަރު ދަތުރުކުރާ މީހުން އެއާޕޯޓުން ޕީސީއާރް ޓެސްޓް ހެދުމަށް ފަހު ދެން ފޮނުވަނީ ސިފައިންގެ ބެލުމުގެ ދަށުގައިވާ ކަރަންޓީން ސެންޓަރުތަކަށެވެ. ސާދަ ދުވަސް އެތަނުގައި ހޭދަ ކުރުމަށް ފަހު ހޯމް ކަރަންޓީނުގައި ވެސް އިތުރު 14 ދުވަސް ހޭދަކުރަން ޖެހެ އެވެ. ލަންކާގެ 76 ކަރަންޓީން ސެންޓަރުގައި މި ވަގުތު 7،211 މީހުން ތިބި ކަމަށް ނޭޝަނަލް އޮޕަރޭޝަންސް ސެންޓަރުން ބުނެ އެވެ.

ކޮވިޑް ޖެހިގެން ލަންކާ އިން މިހާތަނަށް 152 މީހުން މަރުވި އިރު 139 މީހުން މަރުވެފައި ވަނީ އޮކްޓޯބަރު މަހު ދެ ވަނަ ރާޅު ފެށުނު ފަހުންނެވެ. ލަންކާ އިން މިހާތަނަށް ވަނީ 32,790 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެކްޓިވް ކޭސްގެ އަދަދަކީ 8،845 އެވެ.