14 ޑިސެމްބަރ 2020 - 11:08

ބާސެލޯނާ (ޑިސެމްބަރު 14) – ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީގެ ގޯލުން ލެވަންޓޭ އަތުން 1-0 އިން ބާސެލޯނާ މޮޅުވިއިރު އެއިބާއާ 1-1 އިން އެއްވަރުވި ރެއާލް ސޮސިއެޑާޑް އިން އެއް ވަނަ އަށް އަރައިފި އެވެ.
ސޮސިއެޑާޑް އެއް ވަނަ އަށް މި އެރީ އެތުލެޓިކޯ މި ހަފުތާގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް އަތުން 2-0 އިން ބަލިވުމުގެ ފައިދާ ނަގަ އެވެ. ސޮސިއެޑާޑް އެއް ވަނައިގައި އޮތީ 13 މެޗުން 26 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ދެ ވަނައިގައި އޮތީ 11 މެޗުން އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުންނެވެ. ރެއާލް މެޑްރިޑް އޮތީ 12 މެޗުން 23 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
ބާސެލޯނާ އޮތީ 11 މެޗުން 17 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ރެލިގޭޝަން ޒޯނުގައި އޮތް ލެވަންޓޭއާ ދެކޮޅަށް ރޭ ބާސެލޯނާ އަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެކަމަކު ފުރުސަތުތަކެއް ހޯދި އެވެ. ހުރަހަކަށްވީ ލެވަންޓޭގެ ގޯލްކީޕަރެވެ. މެސީ އެ ޓީމު ސަލާމަތްކޮށްދިނީ 76 ވަނަ މިނެޓުގަ އެވެ.
ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ޓީމު އަންނަނީ ރަނގަޅަށް މަސައްކަތްކުރަމުން ކަމަށާއި ރޭ ވެސް ކުޅުންތެރިން ސަތޭކަ ޕަސެންޓް ދިން ކަމަށެވެ. އެކަމަކު އަދިވެސް ޓީމަށް އޮތީ ފުރިހަމަ އިތުބާރާ އެކު ނޫން ކަމަށް އޭނާ ބުންޏެވެ.