14 ޑިސެމްބަރ 2020 - 12:11

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު މިހާރު އޮތްގޮތަށް ބަލާއިރު، ސްކޫލުތަކާއި ކޮލެޖުތަކުގައި އަންނަ އަހަރު ކިޔަވައިދޭން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑުގެ ހާލަތު ދިރާސާކުރައްވާ، ޑރ. ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ބަލި ޖެހޭ މީހުންގެ އެވްރެޖަކީ 24.3 ކަމަށެވެ. އެއީ ޖުލައި 9 ގެ ފަހުން އެ އަދަދު އެހާ ދަށްވި ފަހަރު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކުގައި ދަރިވަރުންނާ ބައްދަލުވެ އަންނަ އަހަރު ކިޔަވައިދޭން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ކިޔަވައިދިނުމަށް އެއާ އެއްގޮތް އެހެން ގޮތެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް މާޗު މަހު ސްކޫލުތަކާއި ކޮލެޖުތައް ބަންދުކުރުމަށްފަހު ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. މާލެ ސަރަހައްދުގައި މީގެ ދެ މަހެއްވަރު ކުރިން ގްރޭޑު 7 އިން ފެށިގެން މަތީގެ ދަރިވަރުންނަށް ކިޔަވައިދިންއިރު، ރަށްރަށުގައި ޖުލައި 1 އިން ފެށިގެން މި މަހުގެ 3 ގައި ސްކޫލުތައް ބަންދުވުމާ ހަމައަށް ގްރޭޑު 1-12 އަށް ކިޔަވައިދީފައި ވެ އެވެ.
އެއް މަހުގެ ޗުއްޓީއަކަށް ފަހު އަންނަ މަހުގެ 10 ގައި ސްކޫލުތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.