14 ޑިސެމްބަރ 2020 - 10:52

މިލާން (ޑިސެމްބަރު 14) – އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާން ރޭ ޕާމާ އަތުން ފަހު ޕޮއިންޓެއް ހޯދި ނަމަވެސް މޮޅުނުވެވުމުން އެ ޓީމުގެ ލީޑު ތިން ޕޮއިންޓަށް ކުޑަވެއްޖެ އެވެ.
މިލާން މިހާރު އެއް ވަނައިގައި އޮތީ 27 ޕޮއިންޓާ އެކު އެވެ. އެ ޓީމާ ތިން ޕޮއިންޓް ގާތުގައި ދެ ވަނައިގައި 24 ޕޮއިންޓާ އެކު އޮތީ އިންޓަ މިލާނެވެ. އިއްޔެ އިންޓަ ވަނީ ކަލިއާރީ އަތުން 3-1 އިން މޮޅުވެފަ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ނަޕޯލީ އާއި ހަތަރު ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. ޔުވެންޓަސް ވަނީ އިއްޔެ ޖެނޯއާ އަތުން 3-1 އިން މޮޅުވެފަ އެވެ.
ޕާމާ އިން މިލާން ކޮޅަށް ދެ ގޯލް ޖަހާފައިވަނިކޮށް އެ ޓީމު ސަލާމަތްކޮށްދިނީ ފްރާންސް ފުލްބެކް ތެއޯ ހެނާންޑޭސް ޖެހި ދެ ގޯލުންނެވެ. އޭނާ އެއްވަރުކުރި ގޯލް ޖެހީ އިތުރު ވަގުތުގެ ތެރޭގަ އެވެ. މި މެޗުގައި މިލާނުގެ ހަކާން ޗަނައޮގްލޫ ފޮނުވާލި ތިން ބޯޅައެއް އަދި ބްރަހިމް ޑިއާޒް ފޮނުވާލި ބޯޅައެއް ގޯލް ދަނޑި އަށް އަމާޒުވި އެވެ. އަނިޔާގެ ސަބަބުން ޒަލަޓާން އިބްރަހިމޮވިޗް ނެތި މިލާން ކުޅުނުއިރު ރޭ އެ ޓީމުގެ ޑިފެންޑަރު މަޓެއޯ ގަބިއާ އާއި މިޑްފީލްޑަރު އިސްމާއީލް ބެނަސޭރް އަށް ވަނީ އަނިޔާވެފަ އެވެ.
ރަށުން ބޭރުގައި އިންޓަ އިން ކަލިއާރީއާ ދެކޮޅަށް ކުޅުނު މެޗުގައި ކަލިއާރީ އިން ލީޑު ނެގި އެވެ. އިންޓަ ފަހަތުން އަރައި މޮޅުވީ ނިކޮލާ ބަރެއްލާ އާއި ޑަނީލޯ ޑިއެމްބްރޯސިއޯ އަދި ރޮމެލޫ ލުކާކޫ ޖަހައިދިން ގޯލްތަކުންނެވެ.
ޖެނޯއާ ކޮޅަށް ޔުވެންޓަސްގެ ޕައޮލޯ ޑީބަލާ ގޯލް ޖަހާފައިވަނިކޮށް ޖެނޯއާ އިން އެއްވަރުކުރި އެވެ. ޔުވެންޓަސް މޮޅުވީ ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީން ވައްދާލި ދެ ގޯލާ އެކު އެވެ. މިއީ ރޮނާލްޑޯ ޔުވެންޓަސް އަށް ކުޅެދިން 100 ވަނަ މެޗެވެ.