05 ނޮވެމްބަރ 2016 - 00:03

މިއަދު ހަވީރު ކ. ހުރާގައި ޓްރަކެއް ގައިމައްޗަށް އަރައި، ލިވާ ފަޅައިގެން ގޮސް ސީރިއަސް ޒަހަމްތަކެއް ލިބުނު ކުޑަ ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.
ހަވީރު 5:15 އިރު ހިނގި މި ހާދިސާގައި އަނިޔާވީ އެ ރަށު ގުލްއަލާގޭ ތިން އަހަރުގެ މުހައްމަދު ނާލް އަށެވެ.
އޭނާގެ މަންމަ އައިމިނަތު ލީޒާ "މިހާރު" އަށް މިރޭ ބުނީ ދަރިފުޅުގެ އޮޕަރޭޝަން އައިޖީއެމްއެމްއެޗްގައި ކުރިއަށްދާ ކަމަށާއި، ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
"ބުރަކަށީގައި ހުރީ އެއްޗެއް ގައިމަތިން ދުއްވައިފި ނަމަ ހުންނާނެ ކަހަލަ ނިޝާންތަކަކާއި ޒަހަމްތަކެއް. އަދި ބަނޑު ވެސް ވަރަށް ބޮޑަށް ފުއްޕާފައި ހަށިގަނޑު ހުދުވެ، ދެ ލޯ ވެސް ވަރަށް ބޮޑަަށް ހުޅުވިފައި އޮތީ ހޮސްޕިޓަލަށް ގެންދިޔަ އިރު،" ލީޒާ ބުންޏެވެ. "ޑޮކްޓަރުން ބުނީ ވަރަށް ކްރިޓިކަލް ކަމަށް. އެތެރެ ހައްޓަށް ވަރަށް ބޮޑަށް ލޭ ވެސް އެޅިފައިވާ ކަމަށް."
މި ހާދިސާ ހިނގުމާ އެކު ނާލް އެންމެ ފުރަތަމަ ގެންދިޔައީ ހުރާ ސިއްހީ މަރުކަޒަށެވެ. އެތަނުން ފަރުވާ ދިނުމަށް ފަހު މާލެ ގެނެވުނީ 7:00 ހާ އިރުގަ އެވެ.
ލީޒާ ބުނީ ދަރިފުޅަށް ބޮޑު އަނިޔާއެއްވީ ނުވަ އަހަރުގެ ދޮށީ އަންހެން ދަރިފުޅާ ނާލް ހަވާލުކޮށްފައި، ކަސްރަތަށް ދުވަސް ގޮސް އުޅެނިކޮށް ކަމަށެވެ.
ނާލް ގައިގެ މައްޗަށް އެރި ކަމަށް ބެލެވޭ ޓްރަކަކީ އެ ރަށުގެ ކުޑަކުދިން އަރުވައިގެން ރަށުގެ މީހަކު އާންމުކޮށް ހަވީރު ގަޑީގައި ދުއްވާ އެއްޗެކެވެ.
"ދޮށީ ދަރިފުޅު ނާލް ގޮވައިގެން އެއަށް އަރާފައި ފައިބައިގެން އުޅެނިކޮށް، ނާލްގެ އޭގައި ހިފަހައްޓައިގެން ހުއްޓައި ދުއްވާލީމަ ގައިމައްޗަށް އެރީމަ ކަމަށް ބެލެވެނީ،" ލީޒާ ބުންޏެވެ. "މަންޒަރު ދުށް މީހުން ވެސް ބުނަނީ އެހެން. އެކަމަކު ސީދާ ވީ ގޮތެއް އަސްލު އަދި ސާފެއް ނުވޭ."
އޭނާ އަދި ބުނީ އެ ޓްރަކުގައި ކޮންމެ ދުވަހަކު ހަވީރު ރަށުގެ ކުދިން ބުރު ޖަހައި ހަދާ ކަމަށެވެ. އަދި އޭގެ ޑްރައިވަރަކީ ކުދިންނަށް ވަރަށް އަޅާލައި، ހެޔޮޮކޮށް ހިތާ މީހެއް ކަމަށް ވެސް ލީޒާ ބުންޏެވެ.
"މިއަދު މި ހާދިސާ ހިނގި އިރު ވެސް ދިހަ ވަރަކަށް ކުދިން ގޮވައިގެން ބުރު ޖެހި ކަމަށް ވަނީ،" އޭނާ ބުންޏެވެ. "އޭނަ ވެސް ކުދިން ގޮވައިގެން މަޖަލަކަށް ކުދިން ހިތްހަމަޖައްސައި ދޭން ކުރާ ކަމެއް އެއީ. މި ވަރުގެ ކަމެއް ހިނގި ނަމަވެސް އެއްވެސް ހިތްބަރު ކަމެއް ނެތް. ކަމެއް މެދުވެރިވާން އޮތިއްޔާ އެކަމެއް ވާނެ. ޝުކުރުކޮށްގެން މި ތިބެނީ."
މި ހާދިސާ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.