ފުޑް ސްޓޯލް ހިންގަން ސޯނޫ ސޫދު ހިލޭ ރިކްޝާ ދެނީ
ފުޑް ސްޓޯލް ހިންގަން ސޯނޫ ސޫދު ހިލޭ ރިކްޝާ ދެނީ

ކުޑަ ވިޔަފާރިއަކުން ފަށައިގެން އަމިއްލަ ދިރިއުޅުން ތަރައްގީކުރަން ބޭނުންވާ މީހުންނަށް އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ހިލޭ ރިކްޝާ ހަދިޔާކުރަން ފަށައިފި އެވެ.

މިކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް ސޯނޫ ބުނީ މިއީ މުސްތަގުބަލް ބިނާކުރަން ވެދޭ އެހީއެއް ކަމަށެވެ. އެގޮތުން މިއަދު އަޅާލެވޭ ކުޑަކުޑަ ފިޔަވަޅަކުން މުސްތަގުބަލު އުޖާލާކުރަން މަގުފަހިވެގެން ދާނެ ކަމަށް ބުންޏެވެ.

"އަހަރެންގެ މި އެހީގެ މައިގަނޑު މަގުސަދަކީ އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވާ މީހުންނަށް ހިތްވަރު ދިނުން،" ސޯނޫ ބުންޏެވެ.

އޭނާ ހަދިޔާކުރާ ރިކްޝާތަކަކީ މޮބައިލް ފުޑް ސްޓޯލްތަކެއް ގޮތަށް ހިންގޭނެ އެއްޗިއްސެވެ. މިކަން ކުރިއަށް ގެންދަނީ ޝާމް ސްޓީލް އިންޑިއާއާ ގުޅިގެންނެވެ.

ސޯނޫގެ މި އެހީއާ އެކު އަނެއްކާ ވެސް އެތައް ބައެއްގެ ލޯތްބާއި ތައުރީފު އަންނަނީ އޮހެމުންނެވެ. ނަމަވެސް ދޫކުރަން ނިންމާފައި ވަނީ ކިތައް ރިކްޝާ ކަމެއް ހާމައެއްނުކުރެ އެވެ. އެކަމަކު ރިކްޝާ ދޫކުރުމުގައި އިސްކަންދޭނީ ލޮކްޑައުންގެ ތެރޭގައި ކުރަމުން ދިޔަ މަސައްކަތް ހުއްޓި، އާމްދަނީ ހޯދަން ދަތިވެފައިވާ މީހުންނަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އިންސާނިއްޔާތަށް އެހީވާން ނުކުމެ ފެށި ހިތްވަރު ގަދަ އަދި ނަމޫނާ މަސައްކަތްތަކުގެ ސަބަބުން ސޯނޫގެ މަގުބޫލުކަމާއި މަޝްހޫރުކަން ވަނީ ފިލްމު ކުޅެގެން ކުރިން ނުލިބޭ ވަރަށް އިތުރުވެގެން ގޮސްފަ އެވެ. އެއާ އެކު އޭނާގެ ހިދުމަތްތަކުގެ އަގު އެކި ގޮތްގޮތުން އަންނަނީ ފާހަގަ ވެސް ކުރެވެމުންނެވެ.

ސޯނޫ މި ވަގުތު އަންނަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" ގެ މަސައްކަތް ކުރަމުންނެވެ. ސޯނޫ އަކީ ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ރީޖަނަލް ފިލްމުތައް ވެސް ކުޅޭ އެކްޓަރެކެވެ.